ވެރިކަން ބަދަލުވިފަހުން ވެސް ފްލެޓް ޕޯޓަލްއާ ކުރީގެ ވެރިން ކުޅުނު

ވެރިކަން ބަދަލުވިފަހުން 18 ނޮވެބަރުގައި ވެސް ފްލެޓު ކޮމެޓީން ޕްލެޓް ޕޯޓަލްއަށް އެކްސެސްވެފައިވެ އެވެ. އަދި އަމިއްލަ މީހަކަށް ފްލެޓު ހޯދައިދޭން ފުލުހުންގެ އިދާރާއިން ރަސްމީ ލިޔުމެއް ދީފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމެޓީގެ ޗެއާކަން ކުރި އަކްރަމް ކަމާލުއްދީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގައި ހެދި ފްލެޓު ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން ހިމަނަން ކޮށްފައިވާ ގިނަ ކަންތައްތަކެއް ހާމަވެއްޖެ އެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެފްޑީސީއާ ހަވާލުކޮށްގެން އަޅަމުންދާ 4،000 ފްލެޓުގެ މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ފްލެޓު ލިސްޓަށް މީހުން ނެގުމުގައި ހަދާފައިވާ ގިނަ "ގޯސްތަކެއް" ވިދާޅުދެއްވާފަ އެވެ.  މިނިސްޓަރު ވިދާޅުވީ މި ގޯސްތަކަކީ ގަސްތުގައި ހަދާފައިވާ ގޯސްތަކެއް ތޯ ނުވަތަ ނޭނގި ކުރެވިފައިވާ ކަންތައްތަކެއްތޯ އެނގޭނީ ކަމާބެހޭ ފަރާތްތަކުން ބެލީމަ އެވެ. 

ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދޭން ކޮށްފައިވާ ކަންކަން

  •  ފްލެޓު ކޮމެޓީގެ ސެކްޓެރިއޭޓުގެ އިސްވެރިއެއް ކުންފުނި ރަޖިސްޓްރީ ކުރުމުގެ ކުރީގެ ތާރީހެއްގައި ކުންފުންޏެއްގައި މަސައްކަތް ކުރިކަމުގެ ލިޔުން ދީ ފްލެޓް ލިސްޓުގައި ހިމަނާފައިވޭ
  •  ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏަކުން ކަންނެލި ކެޔޮޅަކަށް އެތަނުގެ ދާއިމީ ވަޒީފާގައި އުޅޭކަމަށް ބުނެ ލިޔުން ދީފައިވޭ
  •  އެއް ގެއެއްގެ ފަސް މީހަކަށް ކައުންސިލުން ލިޔުން ދީގެން ފްލެޓް ލިސްޓަށް އަރުވާފައިވޭ
  •  ފްލެޓު ކޮމެޓީގެ މެންބަރަކު އަމިއްލައަށް ސުޕަވައިޒަރަކަށް އެސައިންކޮށްގެން ފްލެޓް ލިސްޓަށް އަރުވާފައިވޭ
  •  އައިޑީކާޑުގެ އެއް ފުށް އަޕްލޯޑްކޮށްގެން މާލޭގައި 15 އަހަރު އުޅުނުކަމަށް ބަލައި ލިސްޓަށް އަރުވާފައިވޭ
  •  އައިޑީކާޑުގެ އެއް ފުށާއި ކައިވެނީގެ ސެޓްފިކެޓުގެ އެއް ފުށް އަޕްލޯޑްކޮށްގެން 80 ޕޮއިންޓް ދީފައިވޭ
  •  ފުލުހުންގެ ވެރިއެއްގެ ގޭގައި އާއްމު ރައްޔިޔަތު އުޅެމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ރަސްމީ ލިޔުމެއް ދީފައިވޭ
  •  ކާކުކަން ނޭނގޭ ޖީމެއިލްތައް ބޭނުންކޮށްގެން ފްލެޓު ވެރިފިކޭޝަން ކުރިއަށް ގެންގޮސްފައިވޭ
  •  މާލޭގައި 15 އަހަރު އުޅުނުކަމަށް އަމިއްލައަށް ހެދި ލިޔުންތަކެއް ބަލައިގަނެ ފްލެޓް ލިސްޓުގައި ހިމަނާފައިވޭ
  •  ރަށްރަށުގެ ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން މާލޭގައި އުޅޭ ކަމަށް ލިޔުން ހުށަހަޅައިގެން ލިސްޓުގައި ހިމެނިފައިވޭ
  •  ހަމައެކަނި ދެ އަހަރު ސްކޫލްގައި އުޅުނުކަމުގެ ލީވިން ސެޓްފިކެޓް ހުށަހަޅައިގެން މާލޭގައި 15 އަހަރު އުޅުނުކަމަށް ބަލައި ލިސްޓުގައި ހިމަނާފައިވޭ
  •  މާލޭގެ ގެއެއްގައި އުޅުނުކަމުގެ ލިއުމަކުން އެކަނި ލިސްޓުގައި ހިމަނާފައިވޭ
  •  އެއްވެސް ލިޔުމެއް ހުށަހަޅާފައިވާ ނުވާ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ބަލައި ލިސްޓުގައި ހިމަނާގައިވޭ
  •  ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިތުރަށް މާކްސް ދިގެން ލިސްޓަށް މީހުން އަރުވާފައިވޭ
  •  ވެރިކަން ބަދަލުވީ 16 ނޮވެމްބަރުގައި ނަމަވެސް 17 އަދި 18 ވަނަ ދުވަހުވެސް ފްލެޓު ކޮމެޓީންގެ މެންބަރުން ފްލެޓް ލިސްޓް ޕޯޓަލްއާ ކުޅުނު
  •  ލިިސްޓް އިއުލާނު ކުރުމާއެކު އެއް ސަފުހާގެ އެއްބަސްވުމެއް ހުރިހާ ފަރާތްތަކާއެކު ސޮއި ކޮށްފައިވޭ

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދިޔައިރު، ޝަރުތު ހަމަވެފައިވަނީ 1820 މީހުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 ގެ ތެރެއިން 2695 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި ބާކީ ތިބި 424 މީހުންނަކީ ވެރިފިކޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބޭ މީހުން ކަމަށެވެ.

  •  ދެ ކޮޓަރީގެ ފްލެޓް: ފެލްޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 1218 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 73 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓް ލިބެނީ 397 މީހުންނަށް
  •  ތިން ކޮޓެރީގެ ފްލެޓް: ފްލެޓް ލިބޭ ކަމަށް ކުރިން ކަނޑައެޅި 3721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށްފަހު 75 ޕޮއިންޓަށް ވުރެ މަތިވެގެން ފްލެޓު ލިބެނީ 1423 މީހުންނަށް

ގެދޮރުވެރިޔާ ސްކީމްގެ ޓައިމް ލައިނެއް

  •  ގެދޮރުވެރިޔާ ސްކީމް އިއުލާނުކުރީ 26 ޖޫން 2022 ގައި
  •  ދެ ކޮޓަރިއާއި ތިން ކޮޓަރިއަށް ޖުމުލަ 20،797 ފޯމް ހުށަހެޅި
  •  ދެ ކޮޓަރިއަށް 6097 ފޯމް
  •  ތިން ކޮޓަރިއަށް 14،980 ފޯމް
  •  ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓް
  •  ތިން ކޮޓަރީގެ 2،750 ޔުނިޓް
  •  ފޯމް ހުށަހެޅުމުގެ މުއްދަތު ދިނީ 15، އޮކްޓޫބަރު 2022 ގެ ނިޔަލަށް
  •  ކޮމެޓީއެއް ހަދައި ވަގުތީ ލިސްޓު ނެރުނީ 8، އޮގަސްޓް 2023 ގައި
  •  ޝަކުވާ ހުށަހަޅަން 22، އޮގަސްޓް 2023 އަށް ފުރުސަތު ދިން
  •  ފުރަތަމަ ފައިނަލް ލިސްޓް ނެރުނީ 4، ނޮވެމްބަރު 2023 ގައި
  •  ޝަކުވާ ހުށަހެޅުން 9-5 ނޮވެމްބަރު 2023 ގެ ނިޔަލަށް ފުރުސަތު
  •  ޝަކުވާ ހުށަހެޅުމުގެ މުއްދަތު 10، ނޮވެމްބަރު 2023 އަށް އިތުރު ކުރި
  •  ރިވައިސް ފައިނަލް ލިސްޓް ގެޒެޓު ކުރީ 15، ނޮވެމްބަރު 2023 ގައި
  •  ފައިނަލް ލިސްޓް ނެރުނުއިރު އޭސީސީން ވަނީ މަސައްކަތް ހުއްޓާލަން އަންގާފަ
  •  އޭސީސީން އެނގިނަމަވެސް ބައެއް ފަރާތްތަކާއެކު އޭރުގެ އޮތީ ސަރުކާރުން އެއްބަސްވުން ހަދާފަ
  •  އޭސީސީގެ ކަންބޮޑުވުމަކީ ހަމަހަމަ ކަމާއެކު ފްލެޓު ލިސްޓުގައި އަމަލުކޮށްފައި ނެތުން
  •  މި ސަރުކާރު ހަވާލުވިއިރު އޭސީސީ އިން ވަނީ ފްލެޓު ލިސްޓު ހުއްޓުވާފަ
  •  އުސޫލާ އެއްގޮތަށް ނެތް ފޯމް ރިވިއުކުރަން އޭސީސީ އިން އެންގީ 14 ފެބްރުއަރީގައި 2024 ގައި
  •  އެކަން ކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލައިގެން ސަރުކާރުން މަސައްކަތް ފެށި

ގެދޮރުވެރިޔާ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ 20،697 ފޯމު ވަނީ ހުށަހަޅައިފަ އެވެ. މިހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ ބަދަލުގައި، ހައުސިން މިނިސްޓްރީން ވަނީ 4000 ފްލެޓް ދިން މީހުންގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.