ރޯދަ ޑިސްކައުންޓް ދޭ ކަރަންޓު ބިލްގެ ރީޑިން ނަގަން ފަަށައިފި

ސްޓެލްކޯއިން މިއަދު 78،000 ކަސްޓަމަރުންގެ ރީޑިން ނަގައި ނިންމާލާނެ އެވެ. މި މަސައްކަތުގައި ސީއީއޯ ހުސެއިން ފަހުމީވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ސްޓެލްކޯގެ ސީއީއޯ ހުސެއިން ފަހުމީ މިއަދު ރީޑިން ނެގުމުގައި ބައިވެރިވަނީ -- ސްޓެލްކޯ

މި އަހަރުގެ ރޯދަ މަހު ސަރުކާރުން ޑިސްކައުންޓް ދޭ ކަރަންޓު ބިލްގެ ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަަށައިފި އެވެ. 

ސްޓެލްކޯގެ ސީއީއޯ ހުސެއިން ފަހުމީ އާއި އެ ކުންފުނީގެ 350 މުވައްޒަފުންނާއެކު މާލޭގައި ރީޑިން ނެގުން ފަށާފައިވާއިރު، މި ހަރަކާތް މުޅިރާއްޖޭގައި ކުރިއަށް ގެންދާނެ އެވެ. އެ ކުންފުނިން މިއަދު ރީޑިން ނަގާފައި ދެން ރީޑިން ނަގާނީ ރޯދަ މަސް ނިމޭ ދުވަހު އެވެ. ބޭނުމަކީ ރޯދަމަހު ބޭނުންކުރާ ކަރަންޓު ބިލަށް ޑިސްކައުންޓް ދެވޭނެ ގޮތަށް ބިލިން ނިޒާމު ބަދަލު ގެނައުމެވެ. 

ޑިސްކައުންޓް ދެނީ ކިހިނެއް ؟ 

މި އަހަރުގެ ރޯދަ މަހުވެސް ޑިސްކައުންޓް ދެވޭނެ ގޮތަކީ 2024 ވަނައަހަރުގެ ކަރަންޓު އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ އާއި މާރޗް އަދި އޭޕްރީލް މަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަހުގެ ކަރަންޓް ބިލްގެ އެވްރެޖުންނެވެ. ޢާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ މިންވަރު ކަމަށް ބަލައި އެ މިންވަރަށްވުރެ އިތުރަށް މި ރޯދަމަހު ބޭނުންކުރާ މިންވަރު ރޯދައިގެ ޑިސްކައުންޓްގެ ގޮތުގައި ދޭނެ އެވެ. އަދި އާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ އެވްރެޖަށްވުރެ މިރޯދަމަހު ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވިއަސް އެފަދަ ފަރާތްތަކަށްވެސް %10 ގެ ޑިސްކައުންޓް ލިބޭނެ އެވެ. މީގެ އިތުރުން 9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނެ އެވެ. ޖުމްލަކޮށް ދަންނަވާކަމަށްވާނަމަ އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ނުހުންނާނެ އެވެ. 

ސްޓެލްކޯގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ އާއްމު ގޮތެއްގައި ރީޑިން ނެގުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ 29 މުވައްޒަފުން ނަމަވެސް ރޯދަ މަހުގެ ބިލްގެ ރީޑިން މާދަމާ ނަގާނެ އެވެ.

"ހާއްސަ ޓާސްކް ފޯހެއް ހަދައިގެން މަސައްކަތް މި ފެށިގެންދަނީ. އެޑްމިން ސައިޑުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާނެ. ހަމައެއާއެކު އެމްޑީ [ހުސެއިން ފަހުމީ] ވެސް ހިމެނިވަޑައިގަންނަވާނެހެން މާދަމާ ރީޑިން ނެގުމުގެ މަސައްކަތް ފެށިގެންދާނެ،" ސަލީމް ވިދާޅުވި އެވެ.

ސްޓެލްކޯ އިން މާދަމާ މުޅި ރާއްޖޭގައި ރީޑިން ނެގުމުން ފަށަން ނިންމި ސަބަބަކީ މިދިޔަ އަހަރު ކުރިމަތިވި މައްސަލަ ކުރިމަތިވިޔަ ނުދިނުމަށެވެ. މިދިޔަ އަހަރު މައްސަލަ ކުރިމަތިވި ސަބަބަކީ ސްޓެލްކޯ އިން ބިލްތަކުގެ ރީޑިން ނެގުމުގައި ޒަމާނުއްސުރެން ފެށިގެން އަމަލު ކުރަމުން ގެންދާ އުސޫލުގެ ސަބަބުނެވެ. އެ ކުންފުނިން އާއްމުކޮށް ކޮންމެ މަހެއްގައި ވެސް ރީޑިން ނަގަން 15-12 ދުވަހުގެ މުއްދަތެއް ނަގަ އެވެ. މި މުއްދަތަށްފަހު އާއްމުންނަށް ކުރާ ބިލްތައް ޖެހިގެން އަންނަ މަހުގެ ބަޔަކަށް ވަދެ އެވެ. 

ސްޓެލްކޯއިން މިއަދު ރީޑިން ނެގުމުން ރޯދަ މަހުގެ ބިލަށް ދެ ދުވަސް ބިލަށް އިތުރުވެ އެވެ. އެކަމު މި ދެ ދުވަސް އިތުރުވުމުން ރައްޔިތުންނަށް ގެއްލުމެއް ނުވާނެ އެވެ. އޭރުން ގިނަ ބަޔަކަށްވާނީ ފައިދާއެވެ. ސަބަބަކީ ޑިސްކައުންޓްދޭ ބިލަށް މިހާރުގެ ބިލުން ދުވަހެއް އިތުރު ވެއްޖެނަމަ ދެ ބިލު ވެސް ކުޑަވުމުގެ ފުރުސަތު އޮތުމެވެ. 

ކައިރިކައިރީގައި ބިލްތަކެއް ؛ ގެއްލުމެއް ނުވާނެ

ރޯދަ މަހު ބިލް ހެދުމަށް ސްޓެލްކޯއިން ގެންނަ ބަދަލާއެކު ބައެއް އޮޅުންތަކެއް ކަސްޓަމަރުންނަށް އެރުން ގާތެވެ. ނަމަވެސް ސްޓެލްކޯ އިން ވަނީ މި ބިލްތަކަށް ފައިސާ ދެއްކުމަށް ވަނީ ބުރަ ބޮޑު ނުވާނެ ގޮތަށް އަތުރާލާފަ އެވެ.

ޖެނުއަރީ މަހު ސްޓެލްކޯ އިން ފޮނުވި ބިލްގެ ޑިއު ތާރީހު ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތަކީ މިމަހުގެ 4-2 އެވެ. އަދި ފެބްރުއަރީ މަހުގެ ބިލް ޑިއުވާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެވްރެޖުކޮށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލަށް ގްރޭސް ޕީރިއަަޑް ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތުގެ ގޮތުގައި 10 ދުވަސް ދެ އެވެ. އެކަމަކު ރޯދަ މަހަށް މާދަމާ ރީޑިން ނަގާ ކަރަންޓު ބިލް ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ބިލްގެ ގްރޭސްޕީރިއަޑް ހަމަވާނީ އެޕްރީލް އެއްވަނަ ދުވަހު އެވެ. 

ސްޓެލްކޯއިން ބިލް ފޮނުވާ އުސޫލަށް ބަދަލެއް

ސްޓެލްކޯ އިން އާއްމުކޮށް ރީޑިން ނެގުމަށްފަހު ބިލް 25 ދުވަހު ސްޓެލްކޯގައި ބާއްވަ އެވެ. މިގޮތަށް އަމަލު ކުރާތާ 20 އަހަރު ވަނީ ވެފަ އެވެ. މިގޮތަށް އަމަލު ކުރާތީ ބައެއް ފަހަރު ސްޓެލްކޯއަށް ބިލް ބަދަލުކުރާ ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު މި އުސޫލަށް އަމަލު ކުރާ ސަބަބަކީ ބިލް ބޭއްވުމަށްފަހު މުސާރަ ލިބޭ ވަގުތު ބިލްތައް ފޮނުވުމެވެ. ސްޓެލްކޯ އިން ވަނީ ރޯދަ މަހުގެ ފަހުން ރީޑިން ނަގާ ދުވަސްނޫން އަނެއް ދުވަހު ބިލް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.