ޤާނޫނު އަސާސީ އިސްލާހު ކުރުމަށް އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުން ޤާނޫނު އަސާސީ އިސްލާހު ކުރުމާއި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ދިނީ އާންމު މަޖިލީހަށެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ.
ވެރިކަމުގެ އާދައުރެއް ފެށިގެން ކުރިއަށްދާ ދަނޑިވަޅުގައި ކޮންމެ ފަހަރަކުވެސް ސުޕްރީމް ކޯޓުން މަގުން ކައްސާލައެވެ. ނުލިބޭ ބާރުތައް އޭގެ އިންތިހާއަށް ހޯދަން މަސައްކަތް ފަށައިގަނެއެވެ. އަމުރުވެރިކަން ގަދަކޮށްލައެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ބާރުވެރިކަން ގެއްލޭ މިންވަރަށެވެ. އެހެންނަމަވެސް އާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވިސްނުން ހުރީ އެގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ގަސްތުގައި ވަދެގެން ދުސްތޫރީ މައްސަލައެއްގެ ނަމުގައި މައްސަލައެއް ބަލަން ފަށަން ޖެހުނީ އެހަމަތަކަށް ސުޕްރީމް ކޯޓުން ރިއާޔަތް ނުކުރީމައެވެ.
ޤާނޫނު އަސާސީ އިސްލާހު ކުރުމަށް އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުން ޤާނޫނު އަސާސީ އިސްލާހު ކުރުމާއި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ދިނީ އާންމު މަޖިލީހަށެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ. އެކަން ކުރުމުގެ ބޭނުމެއްވެސް އެބައޮތެވެ. އޭރުގެ ޚާއްސަ މަޖިލީހުގެ ޔަމިއްޔާތަކަށް ބަލާއިރު، އެގޮތަށް އެބާރު ރައްޔިތުންގެ މަޖިލީހަށް ދީފައި ވަނީ، ޤާނޫނު އަސާސީއަށް އިސްލާހެއް ގެންނައުމަށް ނުވަތަ ބަދަލެއް ގެނައުމަށް ބޭނުންވާ ކޮންމެ ހާލަތެއްގައި ރައްޔިތުންގެ ޚާއްސަ މަޖިލީސް އެއްނުކޮށް އެ މަގުސަދު ހާސިލްކުރުމަށް ފަސޭހަ އަދި ދައުލަތަށް އަގުހެޔޮ އުސޫލެއް ބިނާކުރުމަށްޓަކައެވެ. އެހެންނަމަވެސް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ބަދަލު ގެނައުމުގައި ޝަރުތުތަކެއް ވެސް މަތިކޮށްފައި އެބަހުއްޓެވެ. އެއީ ބައެއް މާއްދާތަކާ ކުޅެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމެވެ. އަނެއްބައި މާއްދާތަކަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ހާލަތު އޮތް އިސްލާހެއް ނޫނެވެ. އަދި އެއީ ވަރަށް އާންމު ގާނޫނީ އުސޫލުތަކެއްގެ މައްޗަށާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިކްސް އުސޫލުތާ ފައިހަމަ ކުރެވިފައިވާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އިސްލާހެކެވެ.
މަލްޓި ޕާޓީ ސިސްޓަމްގެ ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް މިހާރު ގިނަ މެމްބަރުން ހޮވެނީ ކޮންމެވެސް ޕާޓީއެއްގެ ނަމުގައެވެ. އެއީ އެ ޕާޓީއާއި އެ މެމްބަރަށް ވޯޓުދިން ރައްޔިތުންނާއި އެމެމްބަރާ ދެމެދު ވެވޭ މަދަނީ އަގުދެކެވެ. މަޖިލީހަށް ހޮވުނު ހައިސިއްޔަތު ބަދަލު ނުކުރެވުމެވެ. އެ އަހުދާއި ވައުދަށް ގާނޫނީ ސިފަ ޖެއްސީ އެމްޑީޕީ ސްޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ޤާނޫނަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވޭ ހައިސިއްޔަތު ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުގައި ލިޔެ އެކަން ފާސްކުރީއެވެ. ޕީއެންސީން ކުރިކަމަކީ އެ ޤާނޫނަށް އިތުރަށް ހައިސިއްޔަތާއި ވަރުގަދަކަންދީ ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމަނައި ރައްޔިތުންގެ ނިންމުމަށް ރައްކާތެރިކަން ހޯދައިދިނީއެވެ.
މި ބަދަލު ސިޔާސީ ބައެއް ފަރާތްތަކަށް ބަލައެއް ނުގަނެވުނެވެ. އެމީހުން ދެކުނު ގޮތުގައި އެ އިސްލާހަކީ ރައްޔިތުންގެ ބާރު ކެނޑިގެންދާ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހެކެވެ. އެހެންވެ އެފަރާތްތަކުން އެކަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. މި ހިސާބުން ދެ ބާރުގެ ދެމެދުގައި ބާރުވެރިކަމުގެ އިން ދަމާލުމުގައި ސުޕްރީމް ކޯޓުން ކޮންޓްރޯލް ނަގައި، ކުރީގެ މެމްބަރު ޢަލީ ހުސައިން އެކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތެވެ. ދައުލަތުގެ ބަންޑާރަ ނައިބް އެކަމަށް ވަރަށް ފާޅުގައި އިންކާރު ކުރައްވަމުން ގެންދަވަނިކޮށެވެ. ބަންޑާރަ ނައިބް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ބަދަލު ގެނައުމުގެ ބާރު ޤާނޫނު އަސާސީން މަތިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގެންނަ ބަދަލާއި ކުރާ އިސްލާޙުތައް ސުޕްރިމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ޝަރީއަތް ކުރުމުގެ ބާރުން ވަދެ ގަތުން ކަމަށް ބަންޑާރަ ނައިބް ވިދާޅުވަމުން ގެންދެވިއެވެ.
އެހެންނަމަވެސް ސުޕްރިމް ކޯޓުން އެއިން ކަމަކަށް ރިއާޔަތްނުކޮށް މައްސަލަ ބަލައި ގަތުމަކީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.
ބަންޑާރަ ނައިބް އެވިދާޅުވަނީ ގާނޫނާއި ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ވާހަކައެއްގެ ވާހަކައެވެ. ގާނޫނު އަސާސީ އިސްލާހު ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމެވެ. ދެން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ބަލަން ޖެހޭނެ އިތުރު މައްސަލައެއް ނޯންނާނެއެވެ. ސަބަބީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓަށް ވަދެނުގަނެވޭނެތީއެވެ. މިއުޅެނީ ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނެއް ހަދައިގެނެއް ނޫނެވެ. އުސޫލުތަކާ ޚިލާފަށް ގާނޫނު އަސާސީއަށް ބަދަލެއް ނުވަތަ އިސްލާހެއް ވެސް ގެނެސްގެނެއް ނޫނެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ސިޔާސީ ފިކުރެއްގެ ހިމާޔަތުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފެށުމަކީ މުޅި ނިޒާމަށް ކުރި މަލާމާތެކެވެ.
މިހާރު މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ އެ އިސްލާހު ގާނޫނު އަސާސީއަށް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެފައިވާ މެމްބަރުންގެ މައްޗަށް އެއިސްލާޙު ނުހިނގާނެ ގޮތަށް ސުޕްރިމް ކޯޓުން އަމުރުކޮށްދެއްވުމެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން ވަންނަން ނުޖެހޭ ގޯޅިއަކަށް ވަދެއްޖެއެވެ. އެއީ ވެސް ވަންވޭއާ އިދިކޮޅަށެވެ. އެހެންކަމުން ސުޕްރިމް ކޯޓު ހަމަ މަގަށް އެޅުވުމަކީވެސް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭނެ ކަމެކެވެ. ސުޕްރިމް ކޯޓުގެ ބެންޗު ތިރިކޮށްލުމަކީ އެކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ސުޕްރީމް ކޯޓުގެ ސުޕްރީމެސީއަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޑިމޮކްރެސީތައް ދަންނަ ސިފައެއް ނޫނެވެ. އެއީ ކަނޑައެޅިގެން ޑިކްޓޭޓަޝިޕްގެ ސިފައެކެވެ. ސުޕްރީމް ކޯޓަކީ ހުރިހާ ބާރުތަކެއްގެ ބާރުވެރިޔާކަމަށް އަމިއްލައަށް ކަނޑައަޅަން މަސައްކަތްކުރާނަމަ ދައުލަތުގެ އެހެން ބާރުތަކުން ސުޕްރީމް ކޯޓު ހަމަ މަގަށް ގެންނަން ޖެހެ އެވެ. އަސްލު ސައިޒަށް ކުޑަކޮށްލަން ޖެހެއެވެ. އެހެން ނޫނީ ދައުލަތުގެ މުޅި ނިޒާމު އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެ އެވެ.