ސްޓެލްކޯއިން ވަނީ ބިލްކުރާ އުސޫލު ބަދަލު ކުރަން ނިންމާފަ އެވެ. މި ބަދަލާއެކު މާދަމާ ރީޑިން ނެގުމަށްފަހު ދެން ރީޑިން ނަގާނީ ރޯދަ މަސް ނިމޭ ދުވަހު އެެވެ. ބޭނުމަކީ ރޯދަމަހު ބޭނުން ކުރާ ކަރަންޓަށް ފުލްކޮށް ޑިސްކައުންޓް ދިނުމެވެ.
ރޯދަ މަހު ޑިސްކައުންޓް ދޭން ވަކި ބިލެއް ތައްޔާރު ކުރަން ސްޓެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ރީޑިންއަށް ނުކުންނާނެ އެވެ.
މި އަހަރުގެ ރޯދަ މަހު ވެސް ކަރަންޓު ބިލްތަކުން ޑިސްކައުންޓްދޭން ސަރުކާރުން ނިންމާފައިވާއިރު ސްޓެލްކޯއިން ވަނީ މި އަހަރުގެ ރޯދަ މަހު އާއްމުންނަށް އަންނަ ކަރަންޓު ބިލަކީ ރޯދަމަހު ބޭނުންކުރާ ކަރަންޓަށް ހަދާ ބިލެއްގެ ގޮތުގައި ތައްޔާރު ކުރަން މިހާރު ރީޑިން ނަގާ "ބިލިން ސައިކަލް" ބަދަލު ކުރަން ނިންމާފަ އެވެ. މި ބަދަލާއެކު ރޯދަ މަހުގެ 30 ވަނަ ދުވަހު އާއްމުންނަށް ފޮނުވާ ބިލްތަކަށް ރީޑިން ނަގާނީ މާދަމާ އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ އާއްމު ގޮތެއްގައި ރީޑިން ނެގުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވަނީ 29 މުވައްޒަފުން ނަމަވެސް ރޯދަ މަހުގެ ބިލްގެ ރީޑިން މާދަމާ ނަގާނެ އެވެ.
"ހާއްސަ ޓާސްކް ފޯހެއް ހަދައިގެން މަސައްކަތް މި ފެށިގެންދަނީ. އެޑްމިން ސައިޑުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާނެ. ހަމައެއާއެކު އެމްޑީ [ހުސެއިން ފަހުމީ] ވެސް ހިމެނިވަޑައިގަންނަވާނެހެން މާދަމާ ރީޑިން ނެގުމުގެ މަސައްކަތް ފެށިގެންދާނެ،" ސަލީމް ވިދާޅުވި އެވެ.
ސްޓެލްކޯ އިން މާދަމާ މުޅި ރާއްޖޭގައި ރީޑިން ނެގުމުން ފަށަން ނިންމި ސަބަބަކީ މިދިޔަ އަހަރު ކުރިމަތިވި މައްސަލަ ކުރިމަތިވިޔަ ނުދިނުމަށެވެ. މިދިޔަ އަހަރު މައްސަލަ ކުރިމަތިވި ސަބަބަކީ ސްޓެލްކޯ އިން ބިލްތަކުގެ ރީޑިން ނެގުމުގައި ޒަމާނުއްސުރެން ފެށިގެން އަމަލު ކުރަމުން ގެންދާ އުސޫލުގެ ސަބަބުނެވެ. އެ ކުންފުނިން އާއްމުކޮށް ކޮންމެ މަހެއްގައި ވެސް ރީޑިން ނަގަން 15-12 ދުވަހުގެ މުއްދަތެއް ނަގަ އެވެ. މި މުއްދަތަށްފަހު އާއްމުންނަށް ކުރާ ބިލްތައް ޖެހިގެން އަންނަ މަހުގެ ބަޔަކަށް ވަދެ އެވެ.
މިކަމުގެ ސަބަބުން ރޯދަ މަހު އާއްމުން ބޭނުންކުރާ ކަރަންޓަށް ސަރުކާރުންދޭ ޑިސްކައުންޓް ބައެއް ކަސްޓަމަރުންނަށް ނުލިބިގެން ޝަކުވާ ގިނަވި އެވެ. އެހެންވެ ސަރުކާރުން ވަނީ ރޯދަ މަސް ނިމިގެން އައި އެޕްރީލް މަހު ވެސް ޑިސްކައުންޓް ދީފަ އެވެ.
"މިދިޔަ އަހަރުވީ ގޮތަކީ ކަސްޓަމަރުން ރޯދަ މަހު ބޭނުންކުރި ކަރަންޓު ބިލުން 29 ނޫނީ 30 ދުވަހަށް ޑިސްކައުންޓެއް ނުދެވުނު، އެކަންވީ ކަސްޓަމަރުންނަށް ވަރަށް ބޮޑު އޮޅުމަކަށް. އެހެންވެ އެ ތަޖުރިބާގައި ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެން ހަމައެކަނި ރޯދަ މަހު ރީޑިން ނަގައިގެން ބިލް ކުރަން ނިންމީ،" ސަލީމް ވިދާޅުވި އެވެ.
ސްޓެލްކޯއިން ކަރަންޓު ބިލް ކުރުމުގައި ކުރިމަތިވާ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ރޯދަ މަސް ފެށުމުގެ ކުރިން ރީޑިންއެއް ނެގުމަށްފަހު ރޯދަ މަހުގެ ފަހު ދުވަހު ރީޑިންއެއް ނަގަން ނިންމާފަ އެވެ. މާދަމާ މި މަސައްކަތް ފަށަނީ ހުކުރު ދުވަހަކީ ބަންދު ދުވަހަށްވުމާއި މުލަ ރޯދަ ދުވަހަށް ވުމުގެ ފުރުސަތު އޮތުމުންނެވެ.
ސްޓެލްކޯގެ ސީނިޔަ މެނޭޖަރު މުޖުތަބާ މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތައް ގެންނަ ކޮންމެ ބަދަލަކާއެކު ގިނަ ކަސްޓަމަރުންނަށް އަރާ ކަމަށާ މިގޮތުން އޭނާ ފާހަގަ ކުރެއްވި އެއް މިސާލަކީ އާއްމުކޮަށް ކޮންމެ މަހެއްގެ 23 އާއި 25 ގައި ބިލް ހަވާލު ކުރަމުން ދިޔަނަމަވެސް މި މަހުގެ 25 ގައި ބިލް ހަވާލު ކުރުމުން އެޅި އޮޅުން ތަކެވެ.
"އެހެންވެ މި ފަހަރު ރޯދަ މަސް ފަށާއިރު އާއި ނިމޭއިރު ވަކި ރީޑިންއެއް ނަގާފަ ޓެކްނިކަލީ ވަކި ބިލެއް ދޭނީ. މިމަހު 27 ގައި [މާދަމާ] ރީޑިން ނަގާ އެއް ސަބަބަކީ ސްކޫލް ބަންދާ ދިމާވުމުން ގިނަ ބަޔަކު މާލޭގެ ގޭގައި ނުތިބުމުގ ފުރުސަތު އޮތުން. މި ގޮތަށް ބިލް ހެދުމުން ކަސްޓަމަރުންނަށް އެނގޭނެ ރޯދަ މަހު ބޭނުންކުރީ ކިހާ ވަރެއްގެ ކަރަންޓެއް ތޯ؟ އޭރުން ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ޑިސްކައުންޓްދޭނެ. އޭރުންދާނެ 31 ދުވަހުގެ ބިލެއް،" މުޖުތަބާ ވިދާޅުވި އެވެ.
ނަމަވެސް މިގޮތަށް ބިލް ތައްޔާރު ކުރުމުން މިމަހު ދެ ބިލެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން ދެ ދުވަހެއް ރޯދަމަހުގެ ކަރަންޓު ބިލަށް އިތުރުވާނެ އެވެ.
ރޯދަ މަހަށް 27 ވަނަ ދުވަހު ރީޑިން ނެގުމުން ދެ ދުވަސް ބިލަށް އިތުރުވެ އެވެ. އެކަމު މި ދެ ދުވަސް އިތުރުވުމުން ރައްޔިތުންނަށް ގެއްލުމެއް ނުވާނެ އެވެ. އޭރުން ގިނަ ބަޔަކަށްވާނީ ފައިދާއެވެ. ސަބަބަކީ ޑިސްކައުންޓްދޭ ބިލަށް މިހާރުގެ ބިލުން ދުވަހެއް އިތުރު ވެއްޖެނަމަ ދެ ބިލު ވެސް ކުޑަވުމުގެ ފުރުސަތު އޮތުމެވެ.
ރޯދަ މަހު ބިލް ހެދުމަށް ސްޓެލްކޯއިން ގެންނަ ބަދަލާއެކު ބައެއް އޮޅުންތަކެއް ކަސްޓަމަރުންނަށް އެރުން ގާތެވެ. ނަމަވެސް ސްޓެލްކޯ އިން ވަނީ މި ބިލްތަކަށް ފައިސާ ދެއްކުމަށް ވަނީ ބުރަ ބޮޑު ނުވާނެ ގޮތަށް އަތުރާލާފަ އެވެ.
ޖެނުއަރީ މަހު ސްޓެލްކޯ އިން ފޮނުވި ބިލްގެ ޑިއު ތާރީހު ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތަކީ މިމަހުގެ 4-2 އެވެ. އަދި ފެބްރުއަރީ މަހުގެ ބިލް ޑިއުވާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެވްރެޖުކޮށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލަށް ގްރޭސް ޕީރިއަަޑް ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތުގެ ގޮތުގައި 10 ދުވަސް ދެ އެވެ. އެކަމަކު ރޯދަ މަހަށް މާދަމާ ރީޑިން ނަގާ ކަރަންޓު ބިލް ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ބިލްގެ ގްރޭސްޕީރިއަޑް ހަމަވާނީ އެޕްރީލް އެއްވަނަ ދުވަހު އެވެ.
މި އަހަރުގެ ރޯދަ މަހުވެސް ބިލްތަކުން ޑިސްކައުންޓް ދޭނީ މިދިޔަ އަހަރުވެސް ދިން އުސޫލުންނެވެ. މިދިޔަ އަހަރު ޑިސްކައުންޓް ދިނީ ވޭތުވެދިޔަ ނުވަ މަހުގެ ބިލާއި ރޯދަ މަހުގެ ބިލް އަޅާ ކިޔާ ގޮތަށެވެ. މިސާލަކަށް އާއްމު ބިލަކީ 1500ރ. ކަމުގައިވެފައި ރޯދަމަހު 2000ރ. ގެ ބިލެއް އައިސްފައިވާނަމަ މިދޭތެރޭގައި އިންނަ ފަރަގަކުން ޑިސްކައުންޓް ލިބޭނެ އެވެ. ބައެއް މީހުންނަށް ބިލް ކުޑަވެސް ވާނެ އެވެ. ކޮންމެ މީހަކަށް ވެސް މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އާ ކަސްޓަމަރުންނަށް ވެސް ރޯދަ މަހުގެ ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.
ސްޓެލްކޯ އިން އާއްމުކޮށް ރީޑިން ނެގުމަށްފަހު ބިލް 25 ދުވަހު ސްޓެލްކޯގައި ބާއްވަ އެވެ. މިގޮތަށް އަމަލު ކުރާތާ 20 އަހަރު ވަނީ ވެފަ އެވެ. މިގޮތަށް އަމަލު ކުރާތީ ބައެއް ފަހަރު ސްޓެލްކޯއަށް ބިލް ބަދަލުކުރާ ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު މި އުސޫލަށް އަމަލު ކުރާ ސަބަބަކީ ބިލް ބޭއްވުމަށްފަހު މުސާރަ ލިބޭ ވަގުތު ބިލްތައް ފޮނުވުމެވެ. ސްޓެލްކޯ އިން ވަނީ ރޯދަ މަހުގެ ފަހުން ރީޑިން ނަގާ ދުވަސްނޫން އަނެއް ދުވަހު ބިލް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފަ އެވެ.