ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ބަލައިގެންފި

އެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލު، މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް ޕީއެންސީގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން، ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހިގެން ކަމަށާއި އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ހުކުމްތައް ނެރެމުންދާ ކަމަށެވެ. 

"ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބިލް ބަލައިގަނެ، މިއީ ގެންނަން ފެންނަ ބަދަލަކަށްވާ ނަމަ އެކަން ކުރަން ޖެހޭ ކަމަށެވެ. 

އޭގެ ރައްދުގައި، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ މި ބިލަކީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ހިންގާ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. 

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ސަރުކާރުން މި ވަގުތު ބޭނުންވާ ކަންތައްތަކެއް ކޯޓުގެ ތެރެއިން ނުކުރެވިގެން ކަމަށެވެ. 

"މި މަޖިލިސް މެންބަރުން ލައްވާ މިގޮތަށް މިކަން ކުރުވުމަކީ މެންބަރުންގެ ބޮލުގައި އެއިރަކު އޮންނަ ސަރުކާރަކުން އަބަދުވެސް އަޅުވާ ބޮޑު ސިންގާ ކަމެއް،" ނާޒިލް ވިދާޅުވި އެވެ.

އެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ. 

ބިލު މަޖިލީހަށް ބަލައިގަތުމާ އެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި އެ ދިރާސާ ފެށުމަށް، އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 އަށް ވަނީ ތާވަލުކޮށްފަ އެވެ. 

ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް 2014 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ކުޑަކުރި އެވެ. ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ.

ނަމަވެސް، ދެން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ގާނޫނު އަލުން އިސްލާހުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނބުރާ ހަތަކަށް އިތުރުކުރި އެވެ. އެ ފަހަރު މުޅި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހަޅާފައިމިވަނީ، އެކަން ސަރުކާރު ހިންގާ ޕީއެންސީގެ ތެރެއިން ރަސްމީކޮށް ކުރަން އުޅޭކަމުގެ އަޑުތަކެއް އިވެމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް، ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި އަޑުތައް ފެތުރެން ފެށީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމުމާ އެކު އެވެ. 

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހުތިސާސެއް އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.