ބެސްޓިނެޓު އިހުމާލަށް ކުރީގެ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން އެދެނީ

ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރަން މެލޭޝިޔާގެ ބެސްޓިނެޓު ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި އޮތް ކަން އެނގިތިބެ، ކުރީގެ އެމްޑީޕީގެ ސަރުކާރުން ދައުލަތަށް ގެއްލުންވާ ގޮތަށް އެކަމާ އަޅާނުލައި ތިބި ކަމަށް ތުހުމަތު ކުރައްވައި، އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން އެދިވަޑައިގަންނަވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏަށް އާ ސިސްޓަމެއް ހެދުމުގެ މަސައްކަތް 2015 ވަނަ އަހަރު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. 

އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް، ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން، އިހުސާން މިއަދު މަޖިލީހުގައި ވިދާޅުވީ، 2019 ވަނަ އަހަރާ ހަމައަށް އެ ކުންފުނިން ކުރި މަސައްކަތަށް 13.7 މިލިއަން ޑޮލަރު ހޯދަން، އެ ކުންފުނިން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް، ކުރީގެ އެމްޑީޕީ ސަރުކާރުގައި އޭގެން އެއްވެސް ސިޓީއަކަށް ޖަވާބުދީފައިނުވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ތަފްސީލުތައް ދެއްވަން، އިހުސާން ވަނީ އެކަމާ ގުޅޭ ހުރިހާ ސިޓީތަކާއި ލިޔެކިޔުންތައް ވެސް މަޖިލީހުގެ ތަޅުމަށް ގެންނަވައިފަ އެވެ.

"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފައި ގޮސް މި ދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ މައްސަލައަށް އެއްވެސް ހަލެއް ނުހޯދައި ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން މިކަން އެނގި ތިބި ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހުސާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެ ސިސްޓަމް ގާއިމުކުރުމަށް ބެސްޓިނެޓް އާ އެކު އެއްބަސްވުމެއް ހެދުމަށެވެ.

ކުރީގެ ސިސްޓަމަށް ވުރެ މާ ރަނގަޅު ސިސްޓަމެއް ބޭނުންކުރަން ފެށުމުގެ ސަބަބުން، އިހުސާން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ފީތަކަށް ކުރިން އަހަރަކު 700 މިލިއަން ރުފިޔާ ލިބެމުން އައި އައުން، 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

"މި ބޭފުޅުން މި ވިދާޅުވަނީ، މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް. އަޅުގަނޑު ދަންނަވާނީ، މީގެ ސަބަބުން ދައުލަތަށް 500 އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ ފައިދާ އޭ ވެފައިވަނީ،" އިހުސާން ވިދާޅުވި އެވެ. 

އެކްސްޕެޓް ސިސްޓަމްގެ އިތުރުން، އިތުބާރުނެތް ކަމުގެ މައްސަލާގައި އެމްޑީޕީގެ މެމްބަރުން ކޮށްފައިވާ އެހެން ތުހުމަތުތަކަށް ވެސް އިހުސާން މިއަދު ވަނީ ސާފުކޮށް ޖަވާބު ދެއްވައިފަ އެވެ. 

އެ މައްސަލައިގެ ބަހުސް ނިމިފައިވާއިރު، މިއަދު އެ މައްސަލަ ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.