އެ މައްސަލައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، އިހުސާން ވަނީ ކޮންމެ ތުހުމަތަކަށް ވަކިން ޖަވާބު ދެއްވައިފަ އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކޮށްފައިވާ ވަކިވަކި ތުހުމަތުތަކަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން ފުރިހަމައަށް ޖަވާބު ދެއްވައިފި އެވެ.
އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
މިގޮތުން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން، އާންމުންގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މެލޭޝިޔާގެ ކުންފުންޏަކަށް ދިން ކަމުގެ ތުހުމަތު އިހުސާންގެ މައްޗަށް އެމްޑީޕީން ވަނީ ކޮށްފަ އެވެ.
އެ މައްސަލައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، އިހުސާން ވަނީ ކޮންމެ ތުހުމަތަކަށް ވަކިން ޖަވާބު ދެއްވައިފަ އެވެ.
އިމިގްރޭޝަނުން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް ޖަވާބު ދެއްވަމުން، އިހުސާން ވިދާޅުވި ގޮތުގައި، އޭރު ބޭނުންކުރަމުންދިޔަ ސިސްޓަމަކީ ސަރުކާރުގެ ބައެއް އިދާރާތަކުން މީގެ 12 އަހަރު ކުރިން ފަރުމާކުރަން ފެށި ނިޒާމެކެވެ.
ނަމަވެސް، 12 އަހަރު ފަހުން ވެސް، އެ ސިސްޓަމް ފުރިހަމަ ނުވެ، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން އިހުސާން ފާހަގަކުރެއްވި އެވެ.
މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏަށް އާ ސިސްޓަމެއް ހެދުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަށައި، 2019 ވަނަ އަހަރާ ހަމައަށް ކުރި މަސައްކަތަށް އެ ކުންފުނިން ކުރި މަސައްކަތަށް 13.7 މިލިއަން ޑޮލަރު ހޯދަން، އެ ކުންފުނިން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް، ކުރީގެ އެމްޑީޕީ ސަރުކާރުގައި އޭގެން އެއްވެސް ސިޓީއަކަށް ޖަވާބުދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ތަފްސީލުތައް ދެއްވަން، އިހުސާން ވަނީ އެކަމާ ގުޅޭ ހުރިހާ ސިޓީތަކާއި ލިޔެކިޔުންތައް ވެސް މަޖިލީހުގެ ތަޅުމަށް ގެންނަވައިފަ އެވެ.
މި ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެ ސިސްޓަމް ގާއިމުކުރުމަށް ބެސްޓިނެޓް އާ އެކު އެއްބަސްވުމެއް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ސިސްޓަމަށް ވުރެ މާ ރަނގަޅު ސިސްޓަމެއް ބޭނުންކުރަން ފެށުމުގެ ސަބަބުން، އިހުސާން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ފީތަކަށް ކުރިން އަހަރަކު 700 މިލިއަން ރުފިޔާ ލިބެމުން އައި އައުން، 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.
"މި ބޭފުޅުން މި ވިދާޅުވަނީ، މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް. އަޅުގަނޑު ދަންނަވާނީ، މީގެ ސަބަބުން ދައުލަތަށް 500 އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ ފައިދާ އޭ ވެފައިވަނީ،" އިހުސާން ވިދާޅުވި އެވެ.
ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް އޮޅުވާލައިގެން މީހުން ވެއްދުމުގައި އަމަލީ ގޮތުން ބައިވެރިވެވަފައިވާ ކަމުގެ ތުހުމަތާ ގުޅިގެން، އިހުސާން ވިދާޅުވި ގޮތުގައި، މިއީ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ.
އިހުސާން ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް އެމްޑީޕީއަށް ވެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި 520 މީހުން އެމީހުންނަށް ނޭނގި ވަނީ އެ ޕާޓީއަށް ވައްދާފަ އެވެ. އޭރު ވަޒީރަކަށް ހުންނެވީ އޭނާތޯ އިހުސާން ވަނީ އެމްޑީޕީ މެމްބަރުންގެ އަރިހުން ސުވާލު ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ޑީއެންއާރުގެ މީޓިން ރޫމެއްގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ފޯމުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއިރު، އޭނާ ވެސް އެތަނަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް، އެތަނުގައި އޮޅުވާލައިގެން، ސިއްރީޔާތުގައި ނުގަވާއިދުން އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އަދި ޑީއެންއޭ ޑޭޓާބޭސް ބޭނުންކުރެއްވިނަމަ، އެންމެ 1،700 ފޯމު ހުށަޅާނުއްވާނެ ކަމަށް ވިދާޅުވެ، އެއީ މި ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމުގެ ހެއްކެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަން ގާނޫނީ ކުށަކަށްވިޔަސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކޮށްގެންވުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ހާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއް،" އެ މިނިސްޓްރީގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ދެން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ މި ސަރުކާރުން މިހާރު ވަނީ ހައްލުކޮށްފަ އެވެ. މިގޮތުން، ދެން ސިޔާސީ ޕާޓީއަކަށް މީހަކު ވައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅޭނީ އެ މީހެއްގެ އީފާސް މެދުވެރިކޮށް އެކަނި ކަން އިހުސާން ފާހަގަކުރެއްވި އެވެ.
މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ ޖިނާއީ ތަހުގީގުތަކަށް ހުރަސްއަޅުއްވާ ކަމަށް އެމްޑީޕީން ކޮށްފައިވާ ތުހުމަތުތަކަށް ވެސް އިހުސާން މިއަދު ރައްދު ދެއްވި އެވެ.
މިގޮތުން، ގޯތީގެ މައްސަލަތަކުގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއަށް ފުލުހުން ވަދެ ކުރަމުންދާ ތަހުގީގުތަކުން، އެފަދަ ތަހުގީގުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަން ސާފުވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ދެއްވި ޖަވާބުތަކަށްފަހު ކުރިއަށްދިޔަ ބަހުސްގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ އިހުސާންގެ މައްޗަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު ދެއްވި ޖަވާބުތަކުން، އެމްޑީޕީން އިހުސާންގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަން ރައްޔިތުންނަށް ވެސް ހާމަވެގެން ގޮސްފައިވާ ކަން މެމްބަރުން ފާހަގަކުރެއްވި އެވެ.
އިހުސާންގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ބަހުސް ރިޔާސަތުން ވަނީ ނިންމާލައިފަ އެވެ. އަދި މިއަދުގެ ވޯޓު ގަޑީގައި އެ މައްސަލައަށް ވޯޓަށް އަހާނެ ކަން ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ.