މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ވެސް މި އިންސްޕެކްޝަނުގެ ތެރެއިން ބަލާނެ އެވެ.
ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ހެލްތު މިނިސްޓްރީން ބޮޑު އިންސްޕެކްޝަނެއް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ފެށި މި މާސް އިންސްޕެކްޝަން މިއަދު ހެނދުނު 9:00 އިން 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އިންސްޕެކްޝަންގެ މަގްސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރު ކުރުން ކަމަށެވެ.
އެގޮތުން، މި އިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތަކުގައި ބުޅާ، މީދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި، ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބަލާނެ ކަމަށް ހެލްތުން ބުންޏެވެ.
އޭގެ އިތުރުން، މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ވެސް މި އިންސްޕެކްޝަނުގެ ތެރެއިން ބަލާނެ އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2024 ވަނަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެމްއެފްޑީއޭ އިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ކުރަމުންދާ ކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން، ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް، ވަކި އުސޫލެއްގެ ތެރެއިން ހިދުމަތްދިނުމަށް ކަނޑައެޅިފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.