މަޖިލީހުގެ ރައީސްކަމުގައި އަބްދުއްރަހީމް ހުންނެވީ "މިނިވަންކަމާ އެކީ، އެއްވެސް ހުރަހެއް ނެތި"

މަޖިލީހުގެ ރައީސްކަމުގައި ހުންނެވީ، ފުރިހަމަ މިނިވަންކަމާ އެކީގައި އަދި އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރެއްވޭނެ ގޮތަށް ކަމަށް

ރައްޔޮތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވީ، ފުރިހަމަ މިނިވަންކަމާ އެކީގައި އަދި އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރެއްވޭނެ ގޮތަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމުގެ ތުހުމަތުތައް، އަބްދުއްރަހީމް އަބްދުﷲ މިއަދު ދޮގުކުރައްވައިފި އެވެ. 

ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ފޮނުއްވާފައިވާ މަައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މަޖިލިސް މެދުވެރިކޮށް، ސުޕްރީމް ކޯޓަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. 

މީކާއީލްގެ ވާހަކަ ހުއްޓުވައި، ކޮމިޓީ ރިޕޯޓުގެ މައުލޫއަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އެދިވަޑައިގަތުމުން، މީކާއީލް ވަނީ މަޖިލީހުގެ ރައީސަށް ވެސް ނުފޫޒު ފޯރުވާފައި މިންވަރު މުޅި ރާއްޖެއަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް، އަބްދުއްރަހީމް ވަނީ، އެ މަނިކުފާނުގެ ސިއްހީ އަދި އެހެނިހެން ހާލަތެއް ވެސް މީކާއީލަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ކޮމިޓީ ރިޕޯޓުގެ މައުލޫއިން ބޭރުން ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ މީނދީ މިނިވަންކަމާ އެކީގައި މި ގޮނޑީގައި. އަޅުގަނޑު މި ގޮނޑިއަށް އިންތިހާބު ކޮށްދެއްވީ މި މަޖިލީހުގެ މެމްބަރުން. އަޅުގަނޑަކަށް އެއްވެސް ކަމަކަށް މި ތަނުގައި ހުރަހެއް ނެތް. އެހެންވީމާ، އެއްވެސް ގޮތަކަށް ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މައިކު ބޭނުން ނުކުރެވުމަށް ތަކުރާރުކޮށް ދަންވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެކަމަކު އޭގެފަހުން ވެސް މީކާއީލް ވަނީ، ދޫނުދެއްވައި މަޖިލީހުގައި އޮތީ ރައީސްގެ ނުފޫޒު ކަމަށް ތުހުމަތުތައް ކުރައްވައިފަ އެވެ. 

އޭގެރައްދުގައި އަބްދުއްރަހީމް ވެސް ވަނީ އެއީ އެއްވެސް ވަރަކަށް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކު، ރައީސާއި އަބްދުއްރަހީމް އާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. 

ނަމަވެސް، މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމް އާ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.