"މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" ފައްޔާޒް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކި މުޅި ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި ވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށާއި، ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ.
"ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެންބަރުން ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" ފައްޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް އޭނާގެ ބިލުގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ އިތުރުން، ފަނޑިޔާރުން ވަކިކުރުމަށް އޮންނަ މަރުހަލާ އަވަސްކޮށް، ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރެއް ވަކިކުރުމުގެ މައްސަލައެއް ނިންމަން ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.