"ކުރީ ރޯދަ މަހު ދިން ގޮތަށް މި އަހަރުގެ ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް، މި ފެށޭ ރޯދަ މަހު ވެސް، ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ދ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ހަވީރު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅުގެ ކުޑަހުވަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އިޝާރާތް ކުރައްވައިފަ އެވެ.
މިގޮތުން، ރޯދަ މަހުގެ ހަދިޔާއެއް ގޮތުން، ކޮންމެ ގޭބީސީއަށް މަސްދަޅު ކޭހެއް ބެހުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ އަގު ކަރަންޓާއި ފެން ބިލުން ނަގާނެ ކަމަށް ސަރުކާރާ ދެކޮޅު ބައެއް ފަރާތްތަކުން ފަތުރަމުންދާ އަޑުތައް ރައީސް ރޭ ދޮގުކުރެއްވި އެވެ.
"ކުރީ ރޯދަ މަހު ދިން ގޮތަށް މި އަހަރުގެ ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ހަބަރު ރައްދުވެއްޖެ މީހާގެ އަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ޤުރުއާނާއި ހަދީސްފުޅުން ހެކި ދައްކަވައި ވާހަކަ ދައްކަވާފަ އެވެ.
މުސްލިމުން އުޅެންވާގޮތް، ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާކަން ހަނދުމަފުޅުކޮށްއަރުވަމުން އެ މަނިކުފާނު ވަނީ، ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމައުގައި ފެތުރިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އަދި މި ރޯދަ މަހު، އަމިއްލަ ނަފުސުތައް މިކަމުން ތާހިރުކުރުމަށް އަޒުމު ކަނޑައެޅުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.