ސުޕްރީމް ކޯޓުގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަޑުކުރަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމިއްލަ ގޮތުން ބިލެއް ހުށަހަޅުއްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.
ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް އޭނާގެ ބިލުގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ އިތުރުން، ފަނޑިޔާރުން ވަކިކުރުމަށް އޮންނަ މަރުހަލާ އަވަސްކޮށް، ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރެއް ވަކިކުރުމުގެ މައްސަލައެއް ނިންމަން ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް 2014 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ކުޑަކުރި އެވެ. ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ.
ނަމަވެސް، ދެން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ގާނޫނު އަލުން އިސްލާހުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނބުރާ ހަތަކަށް އިތުރުކުރި އެވެ. އެ ފަހަރު މުޅި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހަޅާފައިމިވަނީ، އެކަން ސަރުކާރު ހިންގާ ޕީއެންސީގެ ތެރެއިން ރަސްމީކޮށް ކުރަން އުޅޭކަމުގެ އަޑުތަކެއް އިވެމުންދާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް، ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވެސް ވަނީ ވިދާޅުވެފަ އެވެ.
މި އަޑުތައް ފެތުރެން ފެށީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމުމާ އެކު އެވެ.
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހުތިސާސެއް އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށެވެ.