ރޯދައިން ފެށިގެން ބީއެމްއެލް ހުރިހާ ހިދުމަތެއް ޑިޖިޓަކޮށް ލިބޭ ގޮތް ހަދަނީ

ބަދަލާއެކު ކޭޝް ކާޑު ބަލާވެސް ބޭންކްއަށް ދާކަށް ނުޖެހޭނެ އެވެ. ކާޑު ފޮނުވާނީ ގެއަށެވެ. މީގެ އިތުރުންވެސް ހުރިހާ ހިދުމަތެއް ޑިޖިޓަލް ވަސީލަތް މެދުވެރިކޮށް ލިބޭނެ ގޮތް ވަނީ ހަދަން ނިންމާފަ އެވެ.

ބީއެމްއެލް ހިދުމަތެއް އޮންލައިންކޮށް ހޯދަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރުމަށް ނިންމައިފި އެވެ.

މިގޮތުން މިހާރެކޭ އެއްފަދައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ތިރީގައިމިވާ ހިދުމަތްތައް ލިބޭނެ އެވެ.

ޑިޖިޓަލްކޮށް ލިބޭނެ ހިދުމަތްތައް

  • ފައިސާ ޖަމާކުރުމާއި ނެގުން
  • ފައިސާ ޓްރާންސްފަރ ކުރުން
  • ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
  • މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން
  • ރާއްޖެއިން ބޭރަށް ފައިސާ ފޮނުވ
  • ލުއި ލޯނާއި ފައިނޭންސް ދޫކުރުން
  • ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
  •  ޒަކާތް ދެއްކުން

ބޭންކުގެ އިލްތިމާސެއް - ބޭންކް އޮފް މޯލްޑިވްސްގެ އިލްތިމާސަކީ ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތް ހޯއްދެވުމެވެ.

ބީއެމްއެލް އިން ބުނީ ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އައު ހިދުމަތްތަކެއް ވެސް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އައު އޮންލައިން ހިދުމަތްތައް

  • އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ.
  • ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން
  • ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
  • ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
  • ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
  • ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 200،000 ރުފިޔާއަށް އިތުރު ކުރުން.

ކޭޝްކާޑު ގެއަށް ފޮނުވުމުގެ ހިދުމަތް

ބީއެމްއެލް އިން ބުނީ މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ތިރީގައިވާ ޚިދުމަތްތަކަށް ވެސް ބަދަލުގެނެވޭނެ އެވެ. މި ބަދަލާއެކު ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް ހަމަޖެހިގެންދާނެ އެވެ. އަދި ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށޭނެ އެވެ. މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށެވެ.

މީގެ އިތުރުން ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދެމުންނެވެ. އަދި މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދޭނެ އެވެ. 


ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސޭނެ އެވެ. އަދި ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ އެވެ 

ބީއެމްއެލް އިން ބުނީ އެއްވެސް ސަބަބަކާހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ. އަދި 27 އަދި 29 މާރިޗު ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.