އޮސްކާ އެވޯޑުގައި ތަރިންނަށް ދޭ ހަދިޔާ ދަބަހުގައި ދިވެހިރާއްޖެ

އަންނަ މަހު އޮންނަ އޮސްކާ އެވޯޑަށްދާ ތަރިންނަށް ދޭ ހަދިޔާ ދަބަހަށް ރާއްޖެ އިސްތިހާރު ކުރަން ޖޯލި ރިސޯޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖެއް ލާފަ އެވެ.

އޮސްކާ އެވޯޑުގައި މި އަހަރު ދޭ ބައެއް ހަދިޔާތައް

ދުނިޔޭގެ މަޝްހޫރު މީހުންނާއި ތަރިން އެއް ތަނަކަށް ޖަމާވާނެ އެންމެ ބޮޑު ހަފުލާއަކީ އޮސްކާ އެވޯޑެވެ. މި އަހަރުގެ އޮސްކާ އެވޯޑު އަންނަ މަހު އޮންނައިރު މި އަހަރު މި އެވޯޑު ރާއްޖެ އަށް ވެސް ހާއްސަ އެވޯޑެވެ. އެއް ސަބަބަކީ ފުރަތަމަ ފަހަރަށް މި އެވޯޑު ހަފުލާ އަށް ދާ ކޮންމެ ތަރިއަކަށް ދޭ އަގު ބޮޑު ހަދިޔާ ދަބަހުގައި ދިވެހިރާއްޖޭގެ ނަން އޮތުމެވެ. މި ހަދިޔާ ދަބަހުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން ވަނީ ހަދިޔާއެއް ހިމަނާފަ އެވެ. 

އޮސްކާ އެވޯޑް ހަފުލާގައިދޭ ހަދިޔާ ބޭގަށް ރާއްޖޭން ހަދިޔާއެއް ހިމެނުމާއެކު އެ ވާހަކަ މިހާރު ވަނީ ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދައި ޓޫރިޒަމް އިސްތިހާރަކަވެފަ އެވެ. ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައިވާ ގޮތުން އޮސްކާއަށްދާ ތަރިންނަށްދޭ ދެ މިލިއަން ޑޮލަރުގެ އަގުހުރި ހަދިޔާ ހުރި ދަބަހުގެ ތެރޭގައި އޮތް އެންމެ އަގުބޮޑު އެއް ހަދިޔާއަކީ ރާއްޖޭގެ  ޖޯލި ރިސޯޓުން ހުށަހަޅާފައިވާ 16،000 ޑޮލަރުގެ ޗުއްޓީ ދަތުރެކެވެ. މީގެ އިތުރުން ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ޕްލާސްޓިކް ސާޖަރީގެ ޕެކޭޖަކާއި އަލިފާނުގެ ހާދިސާ އިން ލިބޭ ގެއްލުމުގެ ބަދަލު ދޭ ފަޔާ އިންޝުއަރެންސް ޕެކޭޖެއް ވެސް ހިމެނެ އެވެ. 

އޮސްކާ އެވޯޑުގެ ހަފުލާ އަށް ރާއްޖޭން އިނާމު ހުށަހަޅާފައިވަނީ ޖޯލި ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ ހޮލީވުޑްގެ ތަރިންނަށް  ޖޯލިން  ހިންގާ ފަސް ތަރީގެ ދެ ރިސޯޓުގައި ހަތަރު ރޭ ޗުއްޓީ ހޭދަކުރަން ހިލޭ ޕެކޭޖެއް ދީފަ އެވެ. 

ސަރުކާރުގެ މާކެޓިން ކުންފުނީގެ އިސް ވެރިއަކު އިއްޔެ ވިދާޅުވި ގޮތުގައި އޮސްކާ ހަފުލާގެ އިވެންޓަށް ރާއްޖޭން އިނާމެއް ހުށަހަޅެޅުމަކީ ބޮޑު އިސްތިހާރަކަށް ވާނެ އެވެ. 

"މިއީ އެންމެ ގިނަ ސެލެބްރިޓީން ނާއި ތަރިން ދާނެ ހަފުލާ . އެހެންވެ މިއީ ބޮޑު އިސްތިހާރަކަށް ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ. 

10،000 މީހުންދާ ކުލަގަދަ ހަފުލާއެއް

މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ 97 ވަނަ އޮސްކާ އެވޯޑު އޮންނާނީ ހޮލީވުޑް ލޮސްއެންޖަލިސްގައި އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. މި އަހަރު ވެސް 23 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ. މި އެވޯޑް ހަފުލާއަށް މި އަހަރު ވެސް 10،000 މީހުން ހާޒިރުވާނެ އެވެ. މީގެތެރޭގައި މުނިފޫހި ފިލުމުގެ ދާއިރާގެ ތަރިންނާއި ގައުމުތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.