އެޗްއާރްސީއެމުން މިއަދު ބުނީ ޒަކިއްޔާގެ މަރާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މައްސަލަ ތަހުގީގު ކުރަމުންދާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ނ. ހޮޅުދޫއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގުޅުން ހުރި އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް އެޗްއާރްސީއެމުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.
ފުލުހުން ބުނެފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި އެހެން މީހަކު ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
އެޗްއާރްސީއެމުން މިއަދު ބުނީ ޒަކިއްޔާގެ މަރާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މައްސަލަ ތަހުގީގު ކުރަމުންދާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ، ގުޅުން ހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން މިހާރު ދަނީ ދިރާސާކުރަމުން،" އެ ކޮމިޝަނުން ބުންޏެވެ.
ޒަކިއްޔާގެ ގާތްތިމާގެ މީހުންނާއި އެރަށުގެ ރައްޔިތުން ދަނީ ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް އެދި އަޑުއުފުލަމުންނެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށް ފުލުހުން ބުންޏަސް، އެކަން އެރަށު މީހުން ގަބޫލެއް ނުކުރެ އެވެ.
ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.
މި މައްސަލައިގެ މައުލޫމާތު ދެމުން ފުލުހުން ކުރިން ބުނެފައި ވަނީ ޒަކިއްޔާ މަރުވެފައި ވަނީ ކަރަށް ލިބުނު ފުން ޒަހަމްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރުގެ ދެ ފަރާތަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ކަރުގެ މެދުގައި ތިލަ ޒަހަމްތަކެއް ހުރި ކަމަށް ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒަކިއްޔާ އޮތީ މަރުވެފަ އެވެ.
އެއްޗެއް ބާރަށް ހަރާލުމުގެ އެއްވެސް ނިޝާނެއް ކަރުގައި ނެތް ކަމަށާއި ނަމަވެސް ހަމަލާ ދޭން ފަސްޖެހިފައިވާ ކަމުގެ ނިޝާން ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކަރުގައި ތިލަކޮށް ހުރި ނިޝާންތަކެވެ. ޒަކިއްޔާ ކައިރީ އޮއްވާ ފެނުނު ވަޅި އަކީ އެގޭ ބަދިގޭގައި ގެންގުޅޭ ވަޅިއެކެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް އެދުވަހު ހެނދުނު 9:53 ހާއިރު ކުނި ނަގަން ވަތް މީހަކަށެވެ. މަރުވެފައި އޮއްވާ ފެނުނީ އެގޭގައި ހުންނަ ގުދަނެއްގެ ދޮރު ކައިރިންނެވެ. އެ ގުދަނަކީ ބޭރުން ވެސް ވަދެވޭ ގޮތަށް ދޮރެއް ލާފައި ހުންނަ ގުދަނެކެވެ. އެގޭގެ ކުނި ބަހައްޓަނީ އެ ގުދަނުގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު ކުނި ނަގަން ވަތް މީހާ ފިޔަވައި އޭގެ ކުރިން އެގޭތެރެއަށް އެއްވެސް މީހަކު ވަދެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.