ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުން ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން، ދައުލަތުގެ ބަޖެޓުން މިހާތަނަށް 1.4 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުން ފެންނަ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ބަޖެޓުން ހަރަދުވެފައިވަނީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އެވެ.
މީގެތެރޭގައި ދައުލަތް ހިންގުމުގެ ރިކަރަންޓު ހަރަދާއި ކެޕިޓަލް ހަރަދުތައް ވެސް ހިމެނެ އެވެ. ރިކަރަންޓު ހަރަދަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވެފައިވަނީ، 3.27 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން މި އަހަރުގެ އެހާތަނަށް، އެ އަދަދު ވަނީ 2.87 ބިލިއަން ރުފިޔާއަށް ތިރިކޮށްފަ އެވެ.
އުމްރާނީ މަސައްކަތްތައް ހިމެނޭ ކެޕިޓަލް ހަރަދުތައް ވެސް މި މުއްދަތުގެ ތެރޭގައި ވަނީ ކުޑަކޮށްފަ އެވެ. މިގޮތުން، މިދިޔަ އަހަރު 855.8 މިލިއަން ރުފިޔާގައި ކެޕިޓަލް ހަރަދުތައް މި އަހަރު ވަނީ 169.8 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރުން ގެންގުޅެނީ ޒިންމާދާރުކަމާ އެކު މުހިންމު ކަންކަމަށް އިސްކަންދޭ ތަރުތީބެކެވެ.
އެއާ އެކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަވި 4.13 ބިލިއަން ރުފިޔާ، މި އަހަރު ވަނީ 3.04 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ފިނޭންސްގެ މާލީ ހިސާބުތަކުން ފެންނަ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދަށެވެ. މިގޮތުން، މިދިޔަ އަހަރު 4.8 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ އާމްދަނީ، މި އަހަރު ވަނީ 4.4 ބިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.
އެކަމަކު އާމްދަނީ ދަށްވިޔަސް، ހަރަދުތައް މިހާ ބޮޑަށް ކުޑަކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މިހާތަނަށް ސަލާމަތް ކުރެވުނު އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
މިގޮތުން، ދައުލަތުން ކުރި ހަރަދަށް ވުރެ، ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ 1.4 ބިލިއަން ރުފިޔާ އިތުރެވެ.