މާލެ އަތޮޅު ފިޔަވައި އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އއ. އަތޮޅުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރަށްވުރެ 61 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ގްރީން ފަންޑް ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެސްޓްހައުސްތަކަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 7.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެކުރީ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 4.9 މިލިއަން ރުފިޔާ އެވެ.
ޑިސެމްބަރު މަހު އެންމެ ގިނައިން ގެސްޓްހައުސްތަކަށް ގްރީން ޓެކްސް ލިބިފައިވަނީ ކ. އަތޮޅުންނެވެ. މި އަތޮޅުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަސް މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރު ގްރީން ޓެކުހަށް ލިބުނީ ތިން މިލިއަން ރުފިޔާ އެވެ.
މާލެ އަތޮޅު ނަގާފަ ދެން އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އއ. އަތޮޅުންނެވެ. އއ. އަތޮޅުގެ ގެސްޓްހައުސްތަކުން މިދިޔަ އަހަރު 644,125.1 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވެ އެވެ. ކުރި އަހަރު ލިބުނީ 326,148.3 ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާކިޔާއިރު ބޮޑުތަނުން ގްރީން ޓެކްސް ލިބުނު އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 105 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބުނުއިރު ކުރީ އަހަރު ލިބިފައިވަނީ 80 މިލިއަން ރުފިޔާ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 796 ގެސްޓްހައުސްއެއްގައި 13,413 އެނދު ހިންގަމުން ދެ އެވެ.