މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަރަބި ބަސް ފެތުރުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހާއްސަ އިރުޝާދުގެ ދަށުން ކުރާ މަސައްކަތެކެވެ.
އަރަބި ބަސް ދަސްކޮށްދޭ ހާއްސަ މަރުކަޒެއް ރާއްޖޭގައި ގާއިމުކޮށްދޭން ސައުދީ އަރަބިއްޔާއިން އިސް ނަގައި، މަސައްކަތް ފަށައިފި އެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަރަބި ބަސް ފެތުރުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހާއްސަ އިރުޝާދުގެ ދަށުން ކުރާ މަސައްކަތެކެވެ.
މި އިސްނެންގެވުމުގެ ދަށުން، ބޭރު ގައުމެއްގައި ގާއިމުކުރާ ފުރަތަމަ މަރުކަޒު ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ރަސްގެފާނު ސަލްމާން ހަވާލުކުރައްވާފައިވަނީ، އެ ގައުމުގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ، އިމާމް މުހައްމަދު ޔުނިވާސިޓީ އާ އެވެ.
އެ ޔުނިވާސިޓީން މިހާރު ވަނީ، ރާއްޖޭގައި ގާއިމުކުރާ މަރުކަޒުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށްފަ އެވެ.
އަދި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އާ ގުޅިގެން، އެ މަރުކަޒު ގާއިމުކޮށް، ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުން ވެސް ވަނީ އޭނާ އާ ހަވާލުކޮށްފަ އެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި މި މަރުކަޒު ގާއިމުކުރެވުމަކީ، އަރަބި ބަހުން ވާހަކަ ނުދައްކާ މުސްލިމު ގައުމުތަކަށް އަރަބި ބަސް އުގަންނައިދީ، އެ ބަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމަށް އެޅިގެން ދިޔަ ވަރުގަދަ ބިންގަލެއް ކަމަށެވެ.
އޭގެފަހުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އާ ބައްދަލުކުރައްވައި، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.