ފޮރިން މިނިސްޓަރު ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

މާދަމާގެ ނިޔަލަށް ހަލީލް ލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ މި ރަސްމީ ދަތުރަކީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހޭރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

ހަލީލް މިއަދު ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަވަށްޓެރި ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.   

މާދަމާގެ ނިޔަލަށް ހަލީލް ލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ މި ރަސްމީ ދަތުރަކީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހޭރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. 

މި ދަތުރުގެ ތެރެއިން، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް، ހާއްސަ ގޮތެއްގައި ތައުލީމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ލަންކާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ އެހީތެރިކަން، މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

މި ބައްދަލުކުރެއްވުމުގައި، މުސްތަގުބަލުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. 

ބޮޑުވަޒީރުގެ އިތުރުން، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާ ވެސް ހަލީލް މިރޭގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ދަތުރުގެ ތެރެއިން ހަލީލް ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތު އާ އިއްޔެ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. 

އެ މަޝްވަރާތަކަށްފަހު ނެރުނު ބަޔާނުގައި ބުނީ، ތައުލީމާއި ޓޫރިޒަމާއި މީހުން ބިނާކުރުމާއި ސަލާމަތީ ގޮތުން ދެ ގައުމުގެ ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ދެ ބޭފުޅުން އެއްބަސްވެފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.