އެސްޓީއޯއިން ވަނީ ފިޔާ އަލުވި އަދި ބިމުގެ އިތުރުން ބާޒާރުން މަދުވި ލުނބޯގެ އިތުރުން ކާށިވެސް ގެނެސްފަ އެވެ.
ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯއިން އެތެރެކުރި ހާއްސަ ބާވަތްތަކުގެ މުދަލާއެކު އަގު އުފުލެމުން ދިޔަ މި ބާވަތްތަކުގެ އަގުތައް ހިފެހެއްޓިއްޖެ އެވެ.
ސަރުކާރުން އެކުލަވާލި މާކެޓް އިންޓަވެންޝަން އުސޫލުމުގެ ދަށުން އެސްޓީއޯއިން ވަނީ މި އަހަރުގެ ރޯދަ މަހަށްވެސް ފިޔާ، ބިސް އަދި އަލުވި ބިސް އެތެރެކޮށްފަ އެވެ. އަދި އަގު އުފުލެމުން ދިޔަ ކާށީގެ ޝިޕްމަންޓެއްވެސް ޝެޑިއުލްކޮށް ތާވަލެއްގެ ދަށުން ވަނީ އެތެރެ ކުރަން ފަށާފަ އެވެ.
އެސްޓީއޯއިން މި މަސައްކަތް ފެށުމާއެކު މީގެ ދެ ހަފުތާއެއްގެ ކުރިން 450ރ. އަށް ހުރި ބިސް ކޭހެއްގެ އަގު ވަނީ 390 އާއި 400ރ. އަށް ތިރިވެފަ އެވެ. މީގެ އިތުރުން އަލުވީގެ އަގުވެސް ވަނީ ދަށްވެފަ އެވެ.
އެސްޓީއޯ އިން މިވަގުތު ބިސް ކޭހެއް ވިއްކަނީ 320 ރުފިޔާއަށެވެ. އަދި އަލުވީގެ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. މި ދެ ބާވަތްވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2 ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެއެވެ.
އެސްޓީއޯ އިން ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ޤާއިމުކޮށްފައިވާ އެސްޓީއޯ ވެއާހައުސްއިން ލިބެންހުންނާނެ އެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
އެ ކުންފުނިން ބުނީ މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ. އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެެްގައި ވިއްކާއަގައް ބަދަލު ގެނެވޭނެއެވެ. ނަމަވެސް އާންމު ހާލަތުގައި ހުރިހާ އެސްޓީއޯގެ ރީޖަނަލް ސަރަހައްދަކުނެވެސް ލިބެން ހުންނާނީ އެއް އަގެއްގައެވެ.