ދެމެހެއްޓެނެވި ގޮތެއްގައި މި ކަން ކުރެވޭނީ، ގަނޑުކޮށް ރާއްޖެއަށް މުދާ އެތެރެކުރެވި، އެ މުދާ ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރެވިގެން ކަން ސައީދު ފާހަގަކުރެއްވި
ތަކެތީގެ އަގުތައް މަތިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވިޔަފާރިން ގަނޑުކޮށް މުދާ އެތެރެކޮށް، މުދާ ބެހެއްޓޭނެ ގުދަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ފެށޭ ރޯދަމަހާ ދިމާކޮށް އަގުތައް ހިފެހެއްޓުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ އެސްޓީއޯ އާ ގުޅިގެން، އަސާސީ މުދަލުގެ ބާވަތްތަކެއްގެ އަގުތައް މޮނިޓާ ކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އާންމުކޮށް ދިވެހިން ބޭނުންކުރާ މުދަލުގެ ބާވަތްތަކުގެ އަގުތައް މިނިސްޓްރީން އިސްވެ ގާތުން ބަލަމުންދާނެ ކަމަށެވެ.
އަދި އަގު ބޮޑުވާ ބާވަތްތައް، އެސްޓީއޯ އާ ގުޅިގެން ރާއްޖެއަށް އެތެރެކޮށް، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަކީ މި މަސައްކަތުގެ ތެރެއިން ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ދެމެހެއްޓެނެވި ގޮތެއްގައި މި ކަން ކުރެވޭނީ، ގަނޑުކޮށް ރާއްޖެއަށް މުދާ އެތެރެކުރެވި، އެ މުދާ ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރެވިގެން ކަން ސައީދު ފާހަގަކުރެއްވި އެވެ.
މިގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިނާއީ ހަރަކާތްތައް މަދު ރަށްރަށުގައި ހުރި ހުސް ބިންތަކުގައި ގަނޑުކޮށް ގެންނަ މުދާ ބެހެއްޓޭނެ ގުދަންތައް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނިން ވަނީ ފަށައިފަ އެވެ.
"ރަށްރަށުގައި އެބަހުރި އިގުތިސާދީ މަސައްކަތް ނުފެށި ހުރި ހުސް ބިންތަކެއް. މިފަދަ ތަންތާނގައި އެންމެ ރަނގަޅު ސަރަހައްދުތަކުގައި ބަލްކް ސްޓޯރޭޖް ހެދޭނެ ތަންތަން ބަލައި ކަނޑައެޅުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައި. މިހާރު އެ ކުންފުނިން މަސައްކަތް ކުރޭ ބިން ލިބޭ ވަރަކުން ބަލްކްކޮށް މުދާ ބަހައްޓަން،" ސައީދު ވިދާޅުވި އެވެ.
މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުގެ ރޯދަމަހު ވެސް ތަކެތީ އަގު ބޮޑުވިޔަނުދީ ހިފެހެއްޓޭނެކަމަށް އޭނާ ވިދާޅުވި އެވެ.