މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ދޭން ކަމާގުޅޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.
މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު، މި ފެށޭ ރޯދަމަހު ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ އެވެ.
ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އާންމުކޮށް ދޭ 3،000ރ. ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފަހުކޮޅު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ރޯދަ މަހުގެ އިނާޔަތް ދިނުމުގެ އިތުރުން، ޑަބްލިޔުޑީސީތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ސަރުކާރުން ލޯކަލް ކައުންސިލްތަކަށް ދޭ ފައިސާގެ ތެރެއިން މި ކޮމިޓީތަކުން ހިންގާ ހަރަކާތްތަކަށް ފައިސާ ދިނުމުގެ އުސޫލުތަކެއް ވެސް މި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މީގެއިތުރުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ޑަބްލިޔުޑީސީތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ވެސް މި އިސްލާހުގެ ތެރޭގައި ހިމެނެ އެވެ.