މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހާޖީންގެ 50 އިންސައްތަ ހާޖީން އުފުލާނީ މޯލްޑިވިއަން އިންނެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ހައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިން -- މޯލްޑިވިއަން އާއި ދެމެދު އެއްބަސްވުމެއް ގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަކީލް އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ހާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއް ގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމާ އެކު ކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ މިނިސްޓަރު މުހައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހާޖީންގެ 50 އިންސައްތަ ހާޖީން އުފުލާނީ މޯލްޑިވިއަން އިންނެވެ.