ބީއެމްއެލް އިން ވަނީ އުމްރާވެރިންނަށް މި އަހަރުދޭ 250 ޑޮލަރުގެ އިތުރުން 1500 ޑޮލަރު ލިމިޓެއް އިތުރު ކުރަން ނިންމާފަ އެވެ. އަދި އިތުރު އުމްރާވެރިންނަށް 500 ޑޮލަރުވެސް ވިއްކާނެ އެވެ.
މި އަހަރު ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ޢުމްރާއައަށްދާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑު ލިމިޓް ކުރިން ހުރި 250 ޑޮލަރުގެ އިތުރުން 1500 ޑޮލަަރަށް އިތުރު ކުރުމާއެކު ޖުމްލަ އަދަދު 1,750 އަށް އިތުރުވާނެ އެވެ.
މި އަހަރުގެ ރޯދަމަހު އުމްރާވެރިންގެ ކާޑު ލިމިޓް މަތިކޮށްފައިވާއިރު، ކާޑު ލިމިޓް މަތިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގައި އެދިވަޑައިގެންފަ އެވެ.
ބީއެމްއެލް މި ބަދަލު ގެނެސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަތިކުރި ކާޑު ލިމިޓު ދޫކުރާ ބޭނުން ކުރެވޭނީ ހަމައެކަނި މި އަހަރު ސައުދީ އަރަބިއާ އަށް ދާ ބޭފުޅުންނަށެވެ. މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށެވެ.
އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޢުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން ވާނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިވާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
"އެހެންކަމުން ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕަކާ ގުޅުއްވުމަށް ދަންނަވަމެވެ.
ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން [ބޭންކު ބަންދު ދުވަސްތައް ފިޔަވައި] ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ އެވެ،،" ބީއެމްއެލް އިން ބުނެފައިވެ އެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ އެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެއެވެ.