މި ހިދުމަތާއެކު އައްޑޫގެ ރައްުޔިތުންނަށް ޑޮލަރު ޖަމާކޮށް ނެގުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދެމުން ގެންދާ އޭޓީއެމްގެ ހިދުމަތް ފުޅާކޮށް އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްފި އެވެ.
އައްޑޫގައި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ ރޭ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބީއެމްއެލްގެ ސީއީއޯ އަހުމަދު ޝަރީފު އެވެ.
މާލެ ނަގާފައި އެއް ފަސްގަނޑެއްގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ދޭން ފެށި ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވެ އެވެ. މި އޭޓީއެމްތަކުގެ ތެރޭން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިން ހިދުމަތެވެ. އަދި ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމް އެކެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު
ޝަރީފް ވިދާޅުވީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
" އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކ،ު ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،" ޝަރީފު ވިދާޅުވި އެވެ.
އައްޑޫ ސިޓީއަށް ޑޮލަރު ހިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ
ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް 95 ސެލްފް ސާވިސް ބޭންކިން ސެންޓަރު 151 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުން ނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.