ބަސް ދަތުރު ފަށަން އުޅުމުންވެސް ޑްރައިވަރުން ދެއްކީ މި ވާހަކަ

ބަސް ދަތުރު ފަށަން އުޅުމުން ވެސް ޓެކްސީ ޑްރައިވަރުން ބުނީ އާމްދަނީއަށް އަސަރު ކުރާނެ ކަމަށެވެ. އެކަމަކު މިކަމުން އާމްދަނީއަށް އަސަރެއް ނުކުރެ އެވެ. މިފަހަރުވެސް ޑްރައިވަރުން ބޮޑާ ހާކަނީ ހަމަ އެ ވާހަކަ ދައްކައިގެންނެވެ.

ގެއިން ބޭރަށް ނުކުމެ އަތުގައި އޮތް ފޯނު ނަގައި އެޕް ހުޅުވާލުމާއެކު ފިތާލަން ޖެހުނީ އެންމެ ފަހަރަކު އެވެ. ބޭނުންވާ ޓެކްސީ އެޕުން ފެންނަން ހުއްޓެވެ. މާގިނައިރުތަކެއް ނުވެ ޓެކްސީ އައިސް ކައިއަށް މަޑުކޮށްލި އަދި ޑްރައިވަރު ކާރުން ފައިބައިގެން އައިސް އަތުގައި އޮތް ފޮށި ދޭށޭ ބުންޏެވެ. އަހަރެން ބުނީ މަށަށް ވެސް ޓެކްސީގެ ޑިކީއަށް އެ ފޮށި ލެވޭނެ ކަމަށެވެ. އެކަމަކު ޑްރައިވަރު އެކަމާ ދެކޮޅު ހަދައި އަތުން ފޮށި އަތުލައި ކާރުގެ ޑިކީއަށް ފޮށިލި އެވެ. އަދި އިހުތިޔާމާއެކު އެދުނީ ޝީޓް ބެލްޓް އެޅުމަށެވެ. އަދި ފޯނުގައި އިން ކޯޑު ބުނެދޭން އެދުނެވެ. މިއީ އަހަރެން އެންމެ ފަހުން ތައިލެންޑަށް ކުރި ދަތުރުގައި އެރި ޓެކްސީގައި ކުރި ތަޖުރިބާ އެކެވެ ؛  މި ތަޖުރިބާ މިހާތަނަށް ރާއްޖޭގެ މަދު ޓެކްސީ ޑްރައިވަރެއްގެ ކިބައިން ނޫނީ ފެނިގެން ގޮސްފަ އެއް ނެތެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތަށް 70 އަހަރު ވެގެން ދިޔަނަމަވެސް މި މުހިންމު ދަތުރުފަތުރުގެ ނިޒާމް އަދި ވެސް އޮތީ ކައިރި އަވަށްޓެރި ގައުމުތަކަށްވުރެ ވެސް މާފަހަތުގަ އެވެ. މި ސަރަހައްދުގެ އާބާދީ ދެގުނަވެ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅިގެން ދިޔަނަމަވެސް ހިތް ހަމަޖެހޭ ފެންވަރުގެ ޓެކްސީ ހިދުމަތެއް ގާއިމް ކުރުން ވަނީ ރާއްޖެ ނުކުޅެދިފަ އެވެ. ކޮންމެ ސަރުކާރެއް ވެރިކަމަށް އައިސް ވެސް މި ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރެ އެވެ. އެކަމަކު މި ހިދުމަތް މިހާތަނަށް ރަނގަޅު ވެފައެއް ނެތެވެ. 

ސަރުކާރުން ދަތުރުކުރަން އަގެއް ކަނޑަ ހެދިޔަސް އެއަށް ޑްރައިވަރުން ބޮލެއް ނުލަނބަ އެވެ. ޓެކްސީ މަޑު ކުރާނެ ތަންތަން ހެދިޔަސް އެ މީހުން މަޑު ކުރަނީ ހިތުހުރި ތަނަކަށެވެ. އަބަދު ވެސް ބޯހަރުކަން ދައްކާ ގިނަ ޑްރައިވަރުންނަކީ އަބަދު ވެސް ހިދުމަތް ރަނގަޅު ކުރަން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް "ފެއިލްކޮށްލަން" ހިފާ ބައެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެ އެވެ. އެ މީހުންނަަށް ސަރުކާރުން ކިތަންމެ ލުއިތަކެއް ދިނަސް އޭގެ ބޭނުމެއް ނުކުރެ އެވެ. ގަވައިދެއް ހެދިޔަސް އެކަމަށް އަމަލެއް ނުކުރެ އެވެ. މަގު މަތިން މީހުން ނުނަގާށޭ ބުންޏަސް އެކަން ވެސް ކުރެ އެވެ. ފެހި ބޯޑު ދިލައިގެން ނުދުއްވާށޭ ބުންޏަސް އެކަމެއްވެސް ނުކުރެ އެވެ. ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް އެކަނި ދަތުރު ނުނަގާށޭ ބުންޏަސް އެކަން ވެސް ކުރަނީ އެވެ. 

"މަގު މައްޗަށް ނުކުފެ އަޅެ އަތް ނަގާބަލަ ޓެކްސީއެއް ހޯދަން. ހުސްކޮށް ދިޔަސް ނުގެން ދާނެ. އެކަމަކު އެއާޕޯޓަށް ދާ ސައިން އަތުން [ބޯޓު އުދުއްސާ ނިޝާން] ދައްކާލާއިރަށް ޓެކްސީތައް ހުއްޓާލާނެ،" އާއްމުކޮށް ޓެކްސީގައި ދަތުރުކުރާ އައިމިނަތު ހަލީމް އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ. 

އައިމިނަތު ފަދަ އެތައް ބަޔަކު ދަނީ މި ތަޖުރިބާ ކުރަމުންނެވެ. އެހެންވެ މި ހިދުމަތް ރަނގަޅު ވޭތޯ ސަރުކާރުތަކުން އަބަދުވެސް ފިޔަވަޅުތައް އަޅާފައިވެ އެވެ. އެންމެ ގާތުން މިދިޔަ ވެރިކަމަށް ބަލާއިރު ވެސް ޓެކްސީ ހިދުމަތް ރަނގަޅުކޮށް ރަނގަޅު ދަތުރުފަތުގެ ނިޒާމެއް ގާއިމް ކުރަން ފިޔަވަޅު ތަކެއް އެޅި އެވެ. މޮބައިލް އެޕުން ހިދުމަތް ފެށުމާއި ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ހިދުމަތް ދެވޭނެ ގޮތަށް ހުއްދަ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ބަހުގެ ހިދުމަތް ފެށުމަކީ ވެސް މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ރަނގަޅު ދަތުރުފަތުގެ ނިޒާމެއް ގާއިމްކުރަން ކޮށްފައިވާ ހެޔޮ މަސައްކަތް ތަކެވެ.

ސަރުކާރު ކުންފުނި އެމްޓީސީސީ މެދުވެރިކޮށް ޓެކްސީލައިނެއް ފަށަން ނިންމުމާއެކު ޓެކްސީ ޑްރައިވަރުން މިހާރު ކުރަމުންދާ ޝަކުވާއަކީ އެ މީހުންގެ އާމްދަނީއަށް އަސަރު ކުރާނެ ވާހަކަ އެވެ.ސަރުކާރުން ޓެކްސީ ލައިންގެ ސަބަބުން 10،000 އާއިލާއަށް އަސަރު ކުރާނެ ކަމަށް އެންމެފުޅާކޮށް ޓެކްސީ އެޕުން ހިދުމަތް ދޭ "އަވަސް ރައިޑް" އިން ބުނެފައިވެ އެވެ. މާލޭގައި ބަހުގެ ހިދުމަތް ފަށަން އުޅުމުން ދުވަސްވަރު ވެސް ޓެކްސީ ޑްރައިވަރުން ހަމަ މި ޝަކުވާ ކުރި އެވެ.

އެކަމަކު، މިއަދު ޓެކްސީ ޑްރައިވަރުން ބުނަމުން އެދަނީ ބަހުގެ ހިދުމަތުގެ ސަބަބުން އެމީހުންގެ އާމްދަނީން އެންމެ ލޯލާރިއެއް ވެސް މަދެއް ނުވެ އެވެ. މީގެ ސަބަބުތައް ގިނަ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދިއުން ގިނަކަމެވެ. މާލެ ސަރަހައްދަށް ބަލާއިރު ހިދުމަތުގައި މި އޮންނަނީ ބޯޑުޖެހި 600 ޓެކްސީ އެވެ. ދެން ދުއްވަނީ ފަހުން އެޕުން ހިދުމަތްދޭ އަމިއްލަ ކާރުތަކެވެ. އެ މީހުންނަކީ ޕާޓްނައިމް މީހުންނެވެ. މަދު ބައެއް ނޫނީ ފުލްޓައިމްކޮށް ހިދުމަތެއް ނުދެ އެވެ. އަދި ގިނަ ޓެކްސީތަކަކީވެސް ދުވާލަކު 1،000ރ. ހަމަވުމުން ދަތުރު ހުއްޓާލާ މީހުންނެވެ. މިހާރު މާލެ ސަރަހައްދުގައި ލޯޑު ހުރިގޮތަށް ބަލާއިރު މާލެ- އެއާޕޯޓް- ހުޅުމާލޭގެ ދަތުރު ނަގައިގެން ހަވީރު ނުވަނީސް ހާހެއް ހަމަ ކުރެވެ އެވެ. މިކަމުގެ ސަބަބުން ގިނަ ޑްރައިވަރުން ހަމައެކަނި ނަގަނީ މާލެ އެތެރޭގެ ދަތުރުތަކަށްވުރެ އެއާޕޯޓް ހުޅުމާލޭގެ ދަތުރުތަކެވެ.

ޓެކްސީގެ ހިދުމަތް ފަަށަން އެމްޓީސީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ -- އެމްަޓީސީސީ

އާ ޓެކްސީ ލައިނުން ޕާޓްޓައިމް ވަޒީފާތަކެއް އުފެދޭނެ

ޓެކްސީ ސެންޓަރަކަށް ޓެކްސީއެއް ހޯދަން ގުޅިނަމަވެސް އެއާޕޯޓާއި ހުޅުމާލެ އަށް ދާން ބުނެފިނަމަ ޓެކްސީ ލިބެ އެވެ. އެކަމަކު މާލެ އެތެރޭގެ ދަތުރުތަކަށް ހަމަ ހިލާ ޓެކްސީއެއް ނުލިބެ އެވެ. މިއީ އާއްމުންގެ މިހާރުގެ ޝަކުވާ އެވެ. މިކަން ރަނގަޅުކުރަން އޮތް އެއް ހައްލަކީ އެތެރޭގެ ދަތުރުތައް ވެސް ކުރެވޭ ފެންވަރުގެ ހިދުމަތެއް ގާއިމް ކުރުމެވެ.ސަރުކާރުން ފަަށަން މިހާރު މަސައްކަތް ކުރަނީ އެފަދަ ދަތުރުތަކެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވި އެވެ.

އެމްޓީސީސީ އިން މި ފަހަރު ގެންނަ ޓެކްސީ ލައިންއަކީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) ޓެކްސީ ލައިނެކެވެ.

އެމްޑީ ސައުދީ ވިދާޅުވި ގޮތުގައި މި ޓެކްސީ ލައިން ވެގެންދާނީ ތިމާވެއްޓާ ރަހުމަތްތެރި ޓެކްސީ ލައިނަކަށް ކަމަށާ މި ޓެކްސީގައި ހިދުމަތްދޭނީ އޮންލައިންކޮށް ޓެކްސީ ބުކިން ނެގޭ ސިސްޓަމްތައް މެދުވެރިކޮށް ކަމަށެވެ. މި ހިދުމަތާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަކެއް ފަހި ވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

" [މި ޓެކްސީލައިނުން] ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ،" ސައުދީ ވިދާޅުވި އެވެ.

އެއް ފަހަރާ ކާރުތަކެއް ގެނެސް އަޅާލަނީއެއް ނޫން

ޕަބްލިކް ޓްރާންސްޕޯޓަށް މިއަދު ނެރުނު އާރްޓީއެލްގެ މިނީ ބަހުގެ ފްލީޓް

މި ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީ އިން ގާއިމް ކުރާީ ތިން ފޭހަކަށް ބަހާލައިގެންނެވެ. މިއީ 24 ގަޑިއިރު ހިދުމަތްދޭނެ ޓެކްސީ ލައިނެކެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވީއައިއޭ އަށެވެ. އޭގެފަހުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުށީގައި ހިދުމަތް ފަށާފަ އެވެ. ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވަނީ 2029 ގެ ނިޔަލަށެވެ. އެންމެފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރު ފަޅު އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.

ޓެކްސީ ލައިން ހަދަން އުޅޭތީ ބައެއް ޑްރައިވަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ މީގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރި އަށް އަސަރު ނުކުރާނެކަމަށް ބުނެފަ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރަނީ 300 ކާރެވެ. މީގެތޭގައި ތިމާވެއްޓާ ރަހުމަތްތެރި ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހިދުމަތް ފެށުމަށްފަހު ޑްރައިވަރުންނަށް ވެސް މި ޓެކްސީ ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެމްޓީސީސީގެ ޓެކްސީ ލައިން

  • ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ
  • ޓެކްސީގެ 25 ޕަސަންޓު، އިލެކްޓްރިކް ކާރު
  • ޑްރައިވަރުން ލިބޭނީ ޔުނީފޯމްގަ
  • ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ 100 ރުފިޔާއަށްވުރެ ކުޑަ ނުވުން
  • ސަރުކާރުން އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ތެޔޮ އެޅުން ހަމަޖެއްސުން
  • ކޮންމެ ހަފުތާއަކު އެއް ފަހަރު މުސާރަ ދިނުން
  • 24 ގަޑިއިރު ހިދުމަތް ދޭން ޖެހޭ

އެމްއެމް ޓީވީގައި މި ހިދުމަތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެމްޓިސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހްމަދު ހައިޝަމް ވިދާޅުވި ގޮތުގައި ޓެކްސީ ލައިނުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޔަގީންކަމަކީ ކޮންމެތާކަށް ދާންޖެހުނުކަމުގައި ވިޔަސް ޓެކްސީ ލިބޭނެކަމުގެ ޔަގީންކަމެވެ.

"އާންމު ރައްޔިތުންނަށްވެސް އެބަ ލިބިގެންދޭ ޔަގީންކަން ވަކި ތަނަކަށް ވަކި ލޮކޭޝަނަކަށް ދާން ނޫންކަން ދަތުރު ލިބޭނީ. މާލޭގެ ހަމަ ކޮންމެ ތަނަކަށް ދާން ބޭނުންވިޔަސް، ހަމަ އަޅުގަނޑުމެންނަށް ދަތުރު ލިބިގެންދާނެ،" ހައިޝަމް ވިދާޅުވިއެވެ.


ކޮންމެ ގޮތެއްގައިނަމަވެސް ޓެކްސީގެ ހިދުމަތް ރަނގަޅު ކުރަން ޖެހެ އެވެ. އެކަމަށް ފިޔަވަޅު އަޅަން ޖެހެ އެވެ. މި ޓެކްސީ ލައިންގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ޔަގީން ކަމަކީ އެމްޓީސީސީ ފަދަ ކުންފުންޏަކުން ފަށާ މި ފަދަ ހިދުމަތްތަކުގެ އިތުބާރު ބޮޑުކަމާއި ރައްކާތެރިކަމުގެ ޔަގީން ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.