"ކީރިތި ގުރުއާނުގައި ﷲ ދެ މަގާމެއްގަ މީހުންނަށް ލައުނަތާ ނުވަތަ ހަލާކު ހުއްޓޭ، މިއިބާރާތުން ވަހީކުރައްވާފައިވޭ ދެ ކަމެއްގަ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވިޔަފާރީގައި މަކަރު ހެދުމާ ހީލަތް ހެދުމާ މިކަންކަމުގެ ވާހަކަ،"
ވިޔަފާރީގައި މަކަރު ހެދުމާއި ހީލަތް ހެދުމަކީ ﷲ ލައުނަތް ލައްވާފައިވާ ކަމެއް ކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނދާންކޮށްދެއްވައިފި އެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަދެއްކެވީ ރޭ ބޭއްވި "އަހާ ފޯރަމް" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސުވާލުގައި އެމީހާ އަހާފައި ވަނީ ރޯދަ މަހަކީ ދީލަތިވެގެންވާ މަހަކަށްވާއިރު، އަގުތައް އެހާ މަތިވާއިރު އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ކުރޭތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ކުރެވޭ ކަންކަން ކުރައްވާ ކަމަށެވެ. އެގޮތުން ނަސޭހަތްތެރިވުމާއި ހުތުބާގައި އެކަން ހިމެނުން ފާހަގަކުރެއްވި އެވެ.
އެކަން ހުއްޓުވުމަށް ވަކި ހާއްސަ ފިޔަވަޅެއް އެޅުމަކީ އިސްލާމިކް މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ދީނީ ގޮތުން އެކަން އޮތް ގޮތް ސާފުކޮށް ވިދާޅުވެދެއްވާފަ އެވެ.
އެގޮތުން ވިދާޅުވީ، އިސްލާމް ދީނުގައި ކަންކަން ބިނާވެފައި އޮންނަ އެންމެ މުހިންމު އަސާސަކީ އިހުސާންތެރިކަމާއި ކުލުވެރިކަމާއި، ހާލުގައި ޖެހިފައިވާ މީހާއަށް އެހީވުން ފަދަ ކަންކަމުގެ މައްޗަށް ކަމަށެވެ. ވިޔަފާރީގައި ވެސް ތެދުވެރިވުމާއި އަމާނަތްތެރިވުމާއި އިހުސާންތެރިވުމަކީ ﷲ ވަރަށް ބޮޑަށް ލޯބޮވެވަޑައިގަންނަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކީރިތި ގުރުއާނުގައި ﷲ ދެ މަގާމެއްގަ މީހުންނަށް ލައުނަތާ ނުވަތަ ހަލާކު ހުއްޓޭ، މިއިބާރާތުން ވަހީކުރައްވާފައިވޭ ދެ ކަމެއްގަ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ވިޔަފާރީގައި މަކަރު ހެދުމާ ހީލަތް ހެދުމާ މިކަންކަމުގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.
ކީރިތި ގުރުއާނަށް ހަވާލާދެއްވައި ދެވަނަ ކަމުގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވީ މީހުންގެ އަބުރަށް އަރައިގަތުމެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރީގައި އިހުސާންތެރިވުމާއި ތެދިވެރިވުމަކީ މުސްލިމުންގެ އަހުލާގުގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.
"އެހެންވީމަ އަގު ހެޔޮ ކުރަން ވެސް މިޖެހެނީ ތިމާއަށް ގެއްލުން ނުވާ މިންވަރަށް. ވިޔަފާރިވެރިޔާ ވެސް އޭނާއަށް ގެއްލުންވާކަށް ބޭނުމެއް ނުވާނެ. އިސްލާމްދީނުގަ ނޯވޭ ގެއްލުމެއް ދިނުމެއް، ގެއްލުމެއް ލިބިގަތުމެއް. އެހެންވީމަ ދެ ފަރާތަށް ވެސް މަސްލަހަތު އޮންނަ ގޮތަށް ކަންކަން އޮންނަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދީނީ ގޮތުން ކަން އޮތް ގޮތް މިނިސްޓަރު ވިދާޅުވެދެއްވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރޯދަ މަހު އަގުތައް ހިފެހެއްޓުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން، އާއްމުކޮށް ގޭބިސީއެއްގައި ބޭނުންކުރާ 183 ބާވަތުގެ ލިސްޓެއް އެ މިނިސްޓްރީން އެކުލަވާލައި، އަގު އުފުލޭނަމަ އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލިސްޓް އެކުވަލާލުމާއެކު އެއްވެސް އެއްޗެއްގެ އަގު އުފުލިގެންދާނަމަ ސަރުކާރުން އެކަމަށް "އިންޓަވިން ކުރާނެ" އެވެ.
"އެއީ ޗޮއިސްއެއް ނޫން. އަޅުގަނޑުމެން އިންޓަވިން ކުރާނަން. ސަބަބަކީ އަސާސީ މުދާ ގޭތެރެއަށް ބޭނުންވާ މުދާ އަގުހެޔޮވާނެ ހުރިހާ ކަމެއް މިދަނީ ކުރަމުން ހުރި ގޮންޖެހުންތަކުގެ ތެރޭން ވެސް. މިގޮތަށް ދާއިރު ގްރޭޓާ މާލެ އާއި އަތޮޅު ތެރޭގައި މި ބާވަތްތަކުގެ މުދާ އަގު އުފުލިގެންދާކަށް،" ސައީދު ވިދާޅުވި އެވެ.