އާއްމު 183 މުދަލުގެ ލިސްޓެއް | އަގު މަތިވާނަމަ އަމަލު ކުރާނެ ސިޔާސަތެއް

އިކޮނޮމިކް މިނިސްޓްރީން ވަނީ 183 ބާވަތެއްގެ މުދަލުގެ ލިސްޓެއް އެކުލަވާލާފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އަގުތައް މަތިވާނަމަ ސަރުކާރުން އިންޓަވިން ކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

އާއްމު ގޭބިސީއެއްގައި ބޭނުންކުރާ މުދަލުގެ އަގު އުފުލޭނަމަ އަމަލު ކުރާނެ ގޮތުގެ ސިޔާސަތެއް ސަރުކާރުން އެކުލަވާލައިފި އެވެ، 

ޕީއެސްއެމްގައި މިރޭ ބޭއްވި "އަހާ ފޯރަމް" ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އާއްމުކޮށް ގޭބިސީއެއްގައި ބޭނުންކުރާ 183 ބާވަތުގެ ލިސްޓެއް އެ މިނިސްޓްރީން އެކުލަވާލައި، އަގު އުފުލޭނަމަ އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

"މި ލިސްޓުގައި ހިމެނޭނެ ރޯދަ މަހަށް ހާއްސަކޮށް 54 އައިޓަމް ކްރިޓިކަލް އައިޓަމްގެ ގޮތުގައި. މި ލިސްޓް އެކުލަވާލީ އެކަމުގެ ފަންނީ ބޭފުޅުންގެ ބައިވެރިވުމާއެކު. އެސްޓީއޯ އާއި އިކޮނޮމިކް މިނިސްޓްރީގެ. މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ އިގްތިސޯދީ ބޭފުޅުންނާއި ވިޔަފާރީގެ ސްޕެޝަލިސްޓް ބޭފުޅުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލިސްޓް އެކުވަލާލުމާއެކު އެއްވެސް އެއްޗެއްގެ އަގު އުފުލިގެންދާނަމަ ސަރުކާރުން އެކަމަށް "އިންޓަވިން ކުރާނެ" އެވެ.

"އެއީ ޗޮއިސްއެއް ނޫން. އަޅުގަނޑުމެން އިންޓަވިން ކުރާނަން. ސަބަބަކީ އަސާސީ މުދާ ގޭތެރެއަށް ބޭނުންވާ މުދާ އަގުހެޔޮވާނެ ހުރިހާ ކަމެއް މިދަނީ ކުރަމުން ހުރި ގޮންޖެހުންތަކުގެ ތެރޭން ވެސް. މިގޮތަށް ދާއިރު ގްރޭޓާ މާލެ އާއި އަތޮޅު ތެރޭގައި މި ބާވަތްތަކުގެ މުދާ އަގު އުފުލިގެންދާކަށް ނޭދޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެއް ގައުމުން މުދާ ނުލިބޭނަމަ އެހެން ގައުމަކުންވެސް ގެންނާނެ ކަމަށާ، ކަނޑުމަގުން ނުގެވޭނަމަ ވައިގެ މަގުން ވެސް ގެންނާނެ ކަމަށެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ ރަމްޝާން މަހާ ގުޅިގެން ތަކެތީގެ އަގު ބޮޑު ނުކުރުން. އޮންނާނެ ބިޒްނަސް ކައުންސިލެއް. އެއްވެސް ދައްޗެއް އޮތްނަމަ މަޝްވަރާ ކުރެވޭނެ. އެ މަޝްވަރާގެ މައްޗަށް ކަންކަން އިސްލާހު ކުރަމުން ގެންދަނީ،" ސައީދު ވިދާޅުވި އެވެ.  

މިނިސްޓަރު ސައީދު މިސާލު ޖައްސަވަމުން ވިދާޅުވި ގޮތުގައި ރޯދަ މަހު އަގު ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަމުންދާކަން ފާހަގަ ކުރެއްވި އެވެ. މިގޮތުން އަގު އުފުލިގެންދާ ކަމަށް ފާހަގަ ކުރެވިގެން އެސްޓީއޯއިން ކާށީގެ ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު އޮމްޓޫބަރު ވޯލްޑް ބޭންކް ރިޕޯޓުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހަތް ޕަސެންޓް ހުރަސް ކުރާނެ ކަމަށް ބުނެފައިވީނަމަވެސް އެކަން އެހެން ވިޔަނުދޭން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިއްވިކަން ފާހަގަ ކުރެއްވި އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓުގައި ހިފެހެއްޓިފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.