މިހާރު އެވްރެޖުކޮށް މިފްކޯއަށް މަސް ކިރުވާ ދޯންޏެއްގެ ދަޅުވެރިއެއްގެ އެކައުންޓަށް ކޮންމެ 48 ގަޑިއިރަކުން 3،000ރ އާއި 2،000ރ. ގެ އާމްދަނީއެއް ވަދެ އެވެ.
މަސްވެރިން މަސް ކިރާތާ 48 ގަޑިއިރު ނުވަތަ ދެ ދުވަސްތެރޭ މިހާރު އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާވެ އެވެ. އެކަން އެގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާތާ ދެ މަސް ވެފައިވާއިރު މަސްވެރިންގެ އަތްމަތި ދަނީ ތަނަވަސްވަމުންނެވެ. މަސް ކިރުވާ ފައިސާ ކޮޅު ނުލިބިގެން ދަތިތަކެއްގައި ތިބި މަސްވެރި އާއިލާތަކަށް ދަނީ ހިނިތުންވުން ލިބެމުންނެވެ. ސަބަބަކީ މިހާރު މަސް ކިރުވުމަށްފަހު ބަރާބަރަށް ފައިސާކޮޅު ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. ސުވާލަކީ މިހާރުގެ މަސްވެރިކަމުގައި މަސްވެރިއަކު ދަތުރެއްގައި ގެއަށް ގެންނަން ކިހާ ވަރެއް ލިބޭ ހެއްޔެވެ؟ މަސްވެރިއެއްގެ މަހު އާމްދަނީ މިހާރު ހުރީ ކިހާވަރެއްގައި ހެއްޔެވެ؟
މިފްކޯގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުންޏަށް 40 އާއި 50 އާ ދެމެދުގެ އަދަދަކަށް ދޯނި މަސް ކިރުވަމުން ދެ އެވެ. އޮޑިފަހަރުން ކިރުވާ މަހަށް އެވްރެޖުކޮށް ދަތުރެއްގެ މައްޗަށް 4-5 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް މިފްކޯއިން ޖަމާ ކޮށްދެ އެވެ. މިހާތަނަށް އެންމެ ގިނައިން މަސް ބޭނި މިދިޔަ ބުރަ އޮޑިފަހަރަށް 7 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެ އެވެ.
މިހާރުގެ މަސްވެރިކަމުގައި ދޯންޏެއް މަހަށް ނުކުންނަނީ ބޮޑު ހަރަދެއް ވެސް ކޮށްގެންނެވެ. މަސްވެރިންނަށް މިފްކޯއިން ތެޔޮ ވިއްކަނީ ޑިސްކައުންޓް ރޭޓުގައި އާއްމު އަގަށްވުރެ ހެޔޮކޮށެވެ. އެހެންވެ ތެލަށް ކުރަން ޖެހޭ ހަރަދު އާއްމު އެހެން ފަރާތްތަކަށްވުރެ މަސްވެރިންނަށް ނިސްބަތުން ދަށެވެ. ބައެއް އޮޑިފަހަރުން އޮޑިއަށް ތިން ބައި އަޅާއިރު ބައެއް އޮޑި ފަހަރުން ނަގަނީ ހަރަދު ކަނޑާފައި އޮޑިވެރިއާއި ކެޔޮޅަށް ބައެ އެވެ. މަހަށް އޮޑި ފުރާއިރު އައިސް ގަތުމާއި ކޮއްތު ގަތުމަށް ހަރަދު ނަގަނީ މިބައިތަކިުންނެވެ. ދޯންޏެއްގައި އެވްރެޖުކޮށް 12 އާއި 15 އާ ދެމެދުގެ އަދަދަކަށް މަސްވެރިން މަސައްކަތް ކުރެ އެވެ.
މިހާރު އަންދާޒާ ކުރެވޭ ގޮތުގައި ފަޅުވެރިންނަށް ކޮންމެ 48 ގަޑިއިރަކުން 30،000ރ ގެ އާމްދަނީއެއް ބަހާނެ އެވެ. މި އަދަދުން ބެލިނަމަވެސް ދަތުރެއްގެ މައްޗަށް ފަޅުވެރިއަކަށް 2،000ރ. އާއި 3،000ރ. ގެ އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި އަދަދުން ބަލާނަމަ އެންމެ ދަށްކޮށް ބެލިނަމަވެސް މަހެއްގެ މައްޗަށް މަސްވެރިންނަށް މަހު އާމްދަނީގެ ގޮތުގައި 50،000ރ. ގެ ގެއަށް ގެންދިއުމުގެ ފުރުސަތު މިހާރު އޮންނާނެ އެވެ.
މި ދުވަސްވަރު މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައިވާއިރު ދައުލަތުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރުމުގެ ނަތީޖާއަކީ އަމިއްލަ ކުންފުނިތަކުން ވެސް އެގޮތަށް އަމަލު ކުރަން މަޖުބޫރުވުމެވެ. މިހާރު ފެންނަމުންދާ ނަތީޖާއަކީ ކުރިން މަހަށް ނުގޮސް ރަށުގައި ތިބި ޒުވާނުން މަހަށް ނުކުންނަން ވަނީ ފަށާފަ އެވެ. އަދި ހަގީގަތަކީ ރަށްރަށުގެ އެތެރޭގެ އިގްތިސޯދަށް ދިރުން ލިބެން ފަށައިފި އެވެ، އަތްމަތި ދަތިވެފައި ތިބި މަސްވެރި އާއިލާތަކުގެ އަތްމަތީގައި ފައިސާ ރޯލް ކުރަން ފެށުމަކީ ޖުމްލަކޮށް އިގްތިސޯދަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި މާހިރުން ގަބޫލުރެ އެވެ. މަސްވެރި ރަށްރަށުގެ އެތެރޭގެ އިގްތިސޯދުގައި ފައިސާ ރޯލް ކުރުން އިތުރުވުމަކީ ރައްޔިތު މީހާގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމެކެވެ.
މަސްވެރިން ފާހަގަ ކުރާ ކަމަކީ އެ މީހުންނަށް ކޮންމެހެން ބޭނުންވަނީ ވައުދުވެގެން ގެއްލުންވާ ވަރުގެ ބޮޑު އަގެއް ކިޔައިގެން އެމީހުން ކުރާ މަސައްކަތަށް ފައިސާ ނުލިބުމެއް ނޫނެވެ. އެމީހުން ބޭނުންވަނީ ބަރާބަރަށް ފައިސާ ލިބުމެވެ. މިހާރު ފެންނަމުން އެ ދަނީ އެ މަންޒަރެވެ. މަސްވެރިންނަށް ބަރާބަކަށް ފައިސާ ދޭން ފެށުމާއެކު މަހަށް ނުކުންނަ އޮޑިފަހަރު ވެސް އިތުރުވެއްޖެ އެވެ. މިއާއެކު އޮޑިވެރިންގެ އާމްދަނީވެސް މަތިވާން ފަށައިފި އެވެ. މި ބަދަލުން ވެގެންދާނީ މަސްވެރިކަމާ ދުރުގައި ހުރި އޮޑިފަހަރު އަލުން މަސްވެރިކަމަށް ނުކުންނަން ކޮށޭނެ މަގަކަށެވެ.