ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހޯއްދެވުނު ކާމިޔާބީތަކުގެ އެންމެ ފަހުރުވެރިވާ އެއް ކާމިޔާބީ ހިލޭ ޑިގްރީ ޕްރަގްރާމް ކަމަށެވެ.
ވެރިކަމުގައި ހޯއްދެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ކާމިޔާބީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ގޮތުން ކުރިއަށްދާން ބޭނުން އެތަކެއް ޒުވާނުންނަށް ފަހި ފުރުސަތަކަަށްވި ހިލޭ ޑިގްރީ ޕްރަގްރާމް ފެށިތާ ހަ އަހަރުވުން ފާހަގަކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި އެ ޕްރަގްރާމުން 18،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ސްކީމުން ފުރުސަތު ދެވުނު ކަމަަށެވެ. އަދި 8500 ދަރިވަރުން ފުރަތަމަ ޑިގްރީ ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމް ފެށިތާ މިއަދަށް ހަ އަހަރުވެފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހޯއްދެވުނު ކާމިޔާބީތަކުގެ އެންމެ ފަހުރުވެރިވާ އެއް ކާމިޔާބީ ހިލޭ ޑިގްރީ ޕްރަގްރާމް ކަމަށެވެ.
މި ޕްރަގްރާމް ފައްޓަވާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވީ އޭރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ މިނިސްޓަރު ކަމުގަ އެވެ.
ރައީސް ސޯލިހްގެ ޕޯސްޓް ރި-ޕޯސްޓް ކުރައްވާ މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ހިލޭ ޑިގްރީ ޕްރަގްރާމަށް ހަ އަހަރު ފުރުމާ ގުޅިގެން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ އިތުބާރު ކުރައްވާ އެ މަސައްކަތް ހަވާލު ކުރެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި ހިލޭ ޑިގްރީ ޕްރަގްރާމަކީ ދިވެހި ޒުވާނުންނަށް ރަނގަޅު ދިރިއުޅުމަކަށް ފުރުސަތު ފަހިކޮށްދިން ޕްރަގްރާމެއްގެ ގޮތުގަ އެވެ.