އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އީފާސް ބޭނުންކޮށްގެން މެމްބަރުން ވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި.
ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އީފާސް ބޭނުންކޮށްގެން މެމްބަރުން ވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދު އީސީން އިސްލާހުކޮށް، ގެޒެޓުކޮށްފައިވަނީ، އަލަށް އުފައްދާ އަދި މިހާރު ވެސް ހިންގަމުންދާ ސީޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމަށް، އެ ކޮމިޝަނުގެ "ސިމެދަ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށެވެ.
މިގޮތުން، އީފާސް މެދުވެރިކޮށް 'ސިމެދަ' ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އިއުލާނުކުރަން ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ޖެހެ އެވެ.
އޮންލައިންކޮށް ހުށަހަޅާ ފޯމުތަކުގެ މައުލޫމާތު 10 އަހަރު ދުވަސް ވަންދެން އީސީން ބަލަހައްޓަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
މި ގަވާއިދުގެ އިސްލާހުކޮށްފައިމިވަނީ، ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުންކޮށްގެން "ވަގަށް" ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރި ކަމުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
ސައްހަ ނޫން ފޯމުތަކުގައި ބޭނުންކޮށްފައި ހުރީ މީހުންގެ އައިޑީކާޑު ފޮޓޯ އެވެ. އެމީހުންގެ ސޮޔާއި ފިންގާ ޕްރިންޓް ވެސް ފޯޖުކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ފޯމުތައް ފޯޖުކޮށްފައިވާ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.