މިދިޔަ އަހަރުގެ ޑިސެމްބަރު ޗުއްޓީގައި އިންޑިއާ އަށް 8122 ދިވެހިން ދަތުރުކޮށްފައިވެ އެވެ. އެ ގައުމަށް ދިވެހިން ހަތަރު މިލިއަން ޑޮލަރު ނުވަތަ 61 މިލިއަން ރުފިޔާ ބޭރުކޮށްފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ރާއްޖެއަށް ކިތަންމެ ބޮޑަރެއް ލިބުނަސް އޭގެ ލީކު ވަދު ނުކުރާނަމަ ރާއްޖޭގައި ޑޮލަރު މެނޭޖު ކުރަން ދަތިވާނެ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. ސަބަބަކީ ރާއްޖޭގައި ޑޮލަރު ލީކުވާން ހުރި ލޯވަޅުތައް އާދަޔާ ހިލާފަަށް ބޮޑެތިވުމެވެ. މިގޮތުން މީގެ އެއް މަގަކީ ދިވެހިން ބޭރަށް ކުރާ ދަތުރު އާދަޔާ ހިލާފަށް އިތުރުވެފައިވުމެވެ. ރާއްޖޭން ބޭރަށް ފުރާ ކޮންމެ މީހަކަށް "ބޯޑިން ޕާސް ޑޮލަރަށް 500" ޑޮލަރު ލިބެ އެވެ. އެހެންވެ ފުރާ ކޮންމެ މީހަކު އެ ޑޮލަރު ނަގަ އެވެ. ބޭނުން ނުވިނަމަވެސް އެ ނަގައިގެންދެ އެވެ.
އިމިގްރޭޝަނުން މިރާ އަށް ލިބިފައިވާ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހަށް އެކަނި ބެލިނަމަވެސް ތިން ގައުމަކަށް ދިޔަ ދިވެހިންގެ ބޭރަށް ނަގުދު ފައިސާގެ ގޮތުގައި ގެންދިޔަ ޑޮލަރުގެ ނިސްބަތް އެންމެ ދަށުން 500 ޑޮލަރުގެ މަގުން ބެލިނަމަވެސް ގާތްގަނޑަކަށް ދިވެހިންގެ ޖީބުން ދެ މަސް ތެރޭ 10 މިލިއަން ޑޮލަރު ނުވަތަ 160 މިލިއަން ރުފިޔާގެ ހޭދައެއް ވަނީކޮށްފަ އެވެ. މި ޑޮލަރަކީ ރާއްޖޭގެ ރިޒާވުން ނަގައި އެމްއެމްއޭ އިން ބޭންކްތަކަށް ވިއްކި ޑޮލަރެވެ.
މިދިޔަ ދެ މަސް ދުވަހަށް ބަލައިރު ދިވެހިން އެންމެ ގިނައިން ދަތުރުކޮށްފައިވަނީ އިންޑިއާ އާއި ސްރީލަންކާ އަށެވެ. ޑިސެމްބަރު މަހު އެކަނި އިންޑިއާއަށް 8122 މީހުން ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރުން ސައޫދީ އަރަބިއްޔާ އަށް 1963 މީހުން ދަތުރު ކުރި ކަމަށް ދައްކަ އެވެ. މި ތިން ގައުމަށް ދިޔަ ދިވެހިން ޑިސެމްބަރު މަހު އެކަނި ނުވަ މިލިއަން ޑޮލަރު ހަރަދުކޮށްފައިވާނެ އެވެ.
މިދިޔަ އަހަރު އިންޑިއާ އާއި ސްރީލަންކާ އަދި ސައޫދީ އަރަބިއްޔާއަށް ޖުމްލަ 23,381 ދިވެހިން ދަތުރުކޮށްފައިވެ އެވެ. މިއީ ކުރީ އަހަރު މި ތިން ގައުމަށް ދަތުރުކުރި 16,841 މީހުންނާ އަޅާ ބަލާއިރު 38 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި ތިން ގައުމަށް ދަތުރުކުރި ދިވެހިން އެންމެ މަދުން ބެލިނަމަވެސް 11.6 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. އަދި ކުރީ އަހަރު ބޭރުކޮށްފައިވަނީ 8.4 މިލިއަން ޑޮލަރެވެ. މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާއަށް 1983 ދިވެހިން ދަތުރުކޮށްފައިވެ އެވެ. އަދި ސައޫދި އަރަބިއްޔާއަށް 15 މީހަކު ދަތުރުކޮށްފައިވާ ކަަމަށް ދައްކަ އެވެ.
ރާއްޖޭން ބޭރުގައި ދިވެހިން ކުރާ ހޭދައިގެ ސާވޭއެއް އެމްއެމްއޭ އިން ކުރިން ކުރެ އެވެ. ނަމަވެސް 2018 ގެ ފަހުން އެ ސާވޭއެއް ނުކުރެ އެވެ. އޭރުގެ ސާވޭ ދައްކާ ގޮތުގައި ދިވެހިން ބޮލަކަށް 2،000 ޑޮލަރު ހޭދަ ކުރެ އެވެ.
ރާއްޖޭގެ ރިޒާވް ހިފައްޓަން ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް ރިޒާވް މެނޭޖު ކުރުމަށްޓަކައި ސަރުކާރުން ވަނީ ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރު ބޭންކިން ނިޒާމަށް މާރު ކުރަން ފަށާފަ އެވެ. މާރުކުރަން ފުރަތަމަ ފެށި މަހު 50 މިލިއަން ޑޮލަރު ވަނީ ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. މިދިޔަ ޖެނުއަރީގެ ނިޔަލަށް ރިޒާވްގައި 700 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކަ އެވެ.