ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވި ސާކިޔުލާއެއްގައި ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަނެ، ދައުލަތް ހިންގުމުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
މިގޮތުން، ރާއްޖޭން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށާއި، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އެ ސާކިޔުލާގައި ޕީސީބީން ވަނީ އަންގައިފަ އެވެ.
އަދި ބޭރު ގައުމުތަކަށް ކުރަންޖެހިގެން ކުރާ ދަތުރުތަކުގައި ވެސް ބިޒްނަސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި އެ ދަތުރުތަކަށް ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުމަށް އަންގާފައިވެ އެވެ.
އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި، ޕީސީބީން އަންގާފައިވަނީ ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި އެ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ހަރަދުތައް ވެސް ވީހާވެސް ކުޑަކުރުމަށެވެ.
މީގެއިތުރުން، ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ނުނެގުމަށާއި، މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށާއި އިތުރު ގަޑީގެ މަސައްކަތްތައް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރުވަން ވެސް އެ ސާކިޔުލާގައި ވަނީ އަންގައިފަ އެވެ.
ޕީސީބީން ވަނީ ކުންފުނިތަކުން ބާއްވާ ހަފްލާތަކާއި ސީއެސްއާރު އަދި ސްޕޮންސާޝިޕް ހަރަދުތައް ވެސް މި ވަގުތަށް މަޑުޖައްސައިލަން އަންގައިފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމާއި ގުޅިގެން، ސަރުކާރުން ވެސް ވަނީ ހަރަދުތައް ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
މިގޮތުން، އަސާސީ މުސާރައިގެ ގޮތުގައި 12،000ރ. ލިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައިން ކުރިއަށް އޮތް ދެ އަހަރަށް 10 ޕަސެންޓު އުނިކުރަން ވަނީ ފަށައިފަ އެވެ. އަދި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް ކުޑަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ފާސްކުރުމަށްޓަކައި މިހާރު ވަނީ ހުށަހަޅައިފަ އެވެ.