ސުޕްރީމް ކޯޓުން ވެސް ނިންމީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް

ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުގައިވެސް، މީހަކު މެރުމުގެ އަދަބުގެ މިންވަރަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. އެހެންވެ، އަދަބު ލުއިކޮށްދެވޭނެ ތަނެއް ވެސް ނެތް ކަމަށެވެ.

ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި އޭނާގެ ދިފާއީ ވަކީލާއެކު --

ކުރީގެ ފިރިމީހާ މަރައިލި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މަރިޔަމް ނަޒާހާގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ، އޭނާ މަރާލިކަން ސާބިތުވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.

މި މައްސަލަ ހަ އަހަރު ފަހުން، 2021 ވަނަ އަހަރު ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. ސަބަބަކީ މި މައްސަލައަކީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީ އެވެ. އެކަމަކު އެ ނިންމުން ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ނަޒާހާ ބުނެފައި ވަނީ ޝާހިދު ގަޔަށް ވަޅި ހެރީ އަމިއްލަ ނަފްސު ދިފާއު ކުރުމަށް ކަމަށެވެ. ޝާހިދަކީ އޭނާއަށް ގެވެށި އަނިޔާ ކުރާ މީހެއް ކަމަށާއި، ވަޅި ހެއިއިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް އެވަގުތު ފަހުމުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ޝާހިދަށް ހަމަލާ ދިނީ ނަފްސު ދިފާއު ކުރުމަށް ކަމަށް ނަޒާހާ ބުނި ނަމަވެސް، އެވަގުތު ޝާހިދު ނަޒާހާއަށް އަނިޔާއެއް ދިންކަން އެނގެން ނެތް ކަމަށެވެ. އަދި އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ހިންގިކަން ވެސް އެނގެން ނެތް ކަމަށެވެ.

އެ އަމަލު ނަޒާހާ ހިންގާފައި ވަނީ ނަފްސާނީ މައްސަލައެއް ކަމަށްވާ ބެޓާޑް ވިމެން ސިންޑްރޯމްގެ ޝިކާރައަކަށްވެ ހުރެ ކަމަށް ނަޒާހާ ބުނި ނަމަވެސް، އެކަން ސާބިތު ކޮށްދޭނެ އެއްވެއް ހެއްކެއް ހުށަހަޅާފައި ނުވާކަން ވެސް އުއްތަމަ ފަނޑިޔާރުގެ ރައުޔުގައިވެ އެވެ. ޝަރީއަތުގެ ތިން މަރުހަލާގައި ވެސް އެފަދަ ހެއްކެއް ހުށަހަޅާފައި ނުވާކަމަށް އެ ރައުޔުގައިވެ އެވެ.

ނަފްސުގެ ދިފާއު ނެގެނީ ދެފަރާތުގެ ކުރިމަތިލުމުގެ ތެރެއިން އަނެއް މީހާ ބާރުގެ ބޭނުން ކުރަން ފެށުމުން އަމިއްލަ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާ ހާލަތެއްގައި ކަމަށާއި، މި ހާދިސާގައި އެފަދަ ކަމެއް ހިނގާފައިވާކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި އޭނާގެ ދިފާއީ ވަކީލާއެކު --

ހައިކޯޓުން މައްސަލަ ނިންމިއިރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެއް ވާރިސަކު ގިސޯސް ހިފަން ބޭނުން ނުވާތީ އަދަބު ލުއިކޮށްދޭން ޖެހޭނެ ކަމަށް ވެސް ނަޒާހާގެ ފަރާތުން ބުނެފައިވެ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެ ގާނޫނަށް ގެނައި އިސްލާހުގައިވެސް، މީހަކު މެރުމުގެ އަދަބުގެ މިންވަރަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. އެހެންވެ، އަދަބު ލުއިކޮށްދެވޭނެ ތަނެއް ވެސް ނެތް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަނީ ތާއީދު ކުރައްވާފަ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވެސް ފާހަގަކުރައްވާފައި ވަނީ ނަޒާހާގެ ނަފްސާނީ މައްސަލައެއް ހުރި ނަމަވެސް އެކަން ސާބިތުކޮށްދިނުމަށް ހަބީރެއްގެ ހެކިބަސް ނަގާފައި ނުވާ ކަމަށެވެ. މިފަދަ ހައްސާސީ މައްސަލައެއްގައި ހަމައެކަނި ސައިކޮލޮޖީ ރިޕޯޓަކުން އެކަނި ނުފުދޭނެ ކަމަށާއި، ސައިކްރޭޓިސްޓެއްގެ ހެކިބަސް ވެސް ބޭނުންވާނެ ކަމަށެވެ. އެ ސަބަބާހުރެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ފާހަގަކުރެއްވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި، ޝާހިދު މަރާލީ ގަސްތުގައި ނޫން ކަމަށާއި، އަދަބު ކަނޑައެޅުމުގެ ބައި ކްރިމިނަލް ކޯޓަށް އަލުން ތަހުވީލު ކުރުމަށް ވިދާޅުވި އެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދު ކުރައްވާފައިވެ އެވެ.

ކުރީގެ ފިރިމީހާ މަރާލިކަމުގެ ކުށުގައި ނަޒާހާ ޖަލުގައި ހުންނަތާ 15 އަހަރު ވަނީ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2020 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އޭނާގެ ހުކުމުން ފަސް އަހަރު ވަނީ އުނިކޮށްދެއްވާފަ އެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަން ބާކީ އޮތީ ފަސްވަރަކަށް އަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.