އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސް ކުރޭ، ވަގުތެއް ނެތް: އައިއެމްއެފް

އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސް ކުރޭ، ވަގުތެއް ނެތް: އައިއެމްއެފް

އައިއެމްއެފްގެ ވަފްދުން، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓު ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: މަޖިލިސް

ރާއްޖޭގެ ދަރަންޏާއި ފިސްކަލް ޑެފިސިޓު އިންތިހާއަށް ބޮޑުވެ، މާލީ އަދި އިގުތިސާދީ ދަތިކަމެއްގެ ތެރޭގައި އޮތް އިރު، ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާ ތަންފީޒުކުރަން މިހާރުވެސް ވަގުތު ކުޑަތަންވެފައިވާ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފި އެވެ. 

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ވަޒަން ކުރަން ރާއްޖޭގައި އުޅޭ އައިއެމްއެފްގެ ވަފްދުން، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން، އެ ވަފްދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ސޮޑްސްރިވިބޫން ވަނީ، މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާއަށް މަރުހަބާ ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، މާލީ ހާލަތަށް ރަނގަޅަށް ނުބަލައި ކުރީގެ ސަރުކާރުތަކުން އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ އެހީ ދިނުމުގެ އެކި ޕްރޮގްރާމުތައް ހިންގުމުގެ ސަބަބުން، ދަރަންޏާއި ފިސްކަލް ޑެފިސިޓަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ. 

މިގޮތުން، މިދިޔަ އަހަރު ނިމުނުއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ޖީޑީޕީގެ 120 ޕަސެންޓަށް ވުރެ މަތިވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. 

ޕިޔަޕޯން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައި އޮތް ފަދަ މާލީ ދަތިކަމުން އަރައިގަތުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ މައްސަލައެއް އޮތް ކަން ގަބޫލުކުރުމާ އެކު، އެ ދަތިކަމުން އަރައިގަތުމަށް ހަރުދަނާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. 

މިގޮތުން، ސަބްސިޑީ ދިނުމުގެ އުސޫލު ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމު އިސްހާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަން ދޭ ތަރުތީބަކުން ހިންގުމަށް ސަރުކާރުން އަޅަން ރާވާފައިވާ ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ. 

އައިއެމްއެފްގެ ވަފްދުން، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓު ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: މަޖިލިސް

ނަމަވެސް، ދަރަންޏާއި ޑެފިސިޓް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އެތެރެ އާއި ބޭރުން ހުރި ޕްރެޝަރުތައް ބޮޑުވަމުން އަންނަ ކަމުގެ އިންޒާރު ޕިޔަޕޯން ދެއްވި އެވެ. 

"ހަރުދަނާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް ދާނީ އިތުރަށް ބޮޑުވަމުން. މި ކަން ކުރުމަށް ވަގުތު ވަރަށް ކުޑަތަންވެއްޖެ،" އޭނާ ވިދާޅުވި އެވެ.

މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނީ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީއަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ޓީބިލު ފަދަ ސެކިއުރިޓީތަކުގައި އިންވެސްޓުކުރުން އިތުރުވުމާ ގުޅިގެން ނިޒާމީ ގޮތުން މާލީ ދާއިރާގައި ހުރި ހިރާސް ބޮޑު ކަމަށް ޕިޔަޕޯން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.