ގޭންގު ކުށް ހުއްޓުވާ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމެޓީއަށް

ގޭންގެއް އުފައްދައި ނުވަތަ ގޭންގެއް ހިންގުމަކީ ކުށެވެ. އެ ކުށް ކޮށްފިނަމަ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

މަޖިލީސް ޖަލްސާއެއް --

ގޭންގު ކުށްތައް ހުއްޓުވައި، އެފަދަ ކުށަށް އަރައިގަންނަ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ފަރުމާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި މި ބިލު މަޖިލީހަށް މިއަދު ބަލައިގެންފައި ވަނީ 44 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވައި، މިފަދަ ކުށްތަކާއި ނުހައްގު މުއްސަނދިކަން ލިބިގަތުމުގެ ކުށަށް އަދަބު ކަނޑައެޅޭނެ އަމަލުތައް ބަޔާން ކުރުމެވެ.

ބިލުގައިވާ ގޮތުން، ގޭންގެއް އުފައްދައި ނުވަތަ ގޭންގެއް ހިންގުމަކީ ކުށެވެ. އެ ކުށް ކުރާ މީހުންގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު ދެ ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. ގޭންގެއް އުފައްދާ އަދި ހިންގާ މީހަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 18 އަހަރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. 

އޭގެ އިތުރުން ކުޑަކުދިން ގޭންގުތަކަށް ވައްދާ މީހުން 25 އަހަރަށް ޖަލަށްލައި، ދެ ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެކެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 18 އަހަރުން މަތީގެ މީހުން ގޭންގަކަށް ރެކްރޫޓް ކުރާނަމަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ހަތް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުވެ.

ބިލުގައިވާ ގޮތުން، އެއްވެސް މީހަކު އިންތިޒާމުވެފައިވާ ކުށްކުރާ ގުރޫޕެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެފަދަ ގުރޫޕެއްގެ މެންބަރެއްކަން ދައްކާ މީހާ ވެސް ކުށްވެރިވާނެ އެވެ. މެންބަރެއްކަން ދައްކާ މީހުންގެ އަދަބަކީ 12 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ބިލުގައި އިންތިޒާމްކޮށްގެން ހިންގާ ބޮޑެތި ކުށްތަކާއި، ނުރައްކާތެރި ކުށާއި، އިންތިޒާމްވެގެން ކުށްކުރާ ގުރޫޕްތައް ކަނޑައަޅާފައިވެ އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމާއެކު، ބިލު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.