ކުވެއިތު، ބޫޓާނު އަދި ސްވިޓްޒަލަންޑަށް ރާއްޖޭން ކަނޑައަޅައި ސަފީރުން ކަނޑައަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.
ކުވެއިތު، ބޫޓާނު އަދި ސްވިޓްޒަލަންޑަށް ރާއްޖޭން ކަނޑައަޅައި ސަފީރުން ކަނޑައަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުވެއިތުގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރައްވަން ހުށަހަޅުއްވާފައިވަނީ، ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އަހުމަދު ސަރީރެވެ.
ބޫޓާނަށް ހުށަހަޅުއްވާފައިވަނީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދެވެ.
ސްވިޓްޒަލަންޑަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވަނީ، ޖެނީވާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ސަލްމާ ރަޝީދެވެ.
މި ތިން ގައުމަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
ސްވިޓްޒަލަންޑްގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރެއްވި ޑރ. ސަލްމާ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)އަށް ރާއްޖޭގެ ދާއިމީ މަންދޫބެއްގެ ގޮތުގައި އައްޔަނުކުރަން މަޖިލީހުގެ ރުހުމަށް އިއްޔެ ވަނީ ފޮނުއްވައިފަ އެވެ.
ކުވެއިތުގެ ނޮން-ރެޒިޑެންޓް ސަފީރުގެ އިތުރުން، މިސްރުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ސަރީރު އައްޔަނުކުރައްވަން ވެސް ރައީސް ހުށަހެޅުއްވި މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.