ރޯދަ ހަދިޔާ މަސްދަޅު ބެހުމުގެ ފަހުގެ ތައްޔާރީތައް، މާލޭގައި ފަށަނީ 20 ވަނަ ދުވަހު

އެސްޓީއޯއިން ވަނީ ރަށްރަށަށް މަސް ދަޅު ސަޕްލައި ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މާލޭގައި މަސް ދަޅު ބަހަން ފަށާނީ މިމަހު 20 ވަނަ ދުވަހު އެވެ.

މިފްކޯ އިން ވިއްކާ ފެލިވަރު މަސް ދަޅު : ކޮންމެ ގޭބިސީއަކަށް މަސްދަޅު ލިބޭނެ

މި ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ރަށްރަށަށް މަސް ދަޅު ފޮނުވަން ފަށާފައިވާއިރު، މާލޭގާއި ބަހާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.  

ރަމަޟާން މަހަށް ހާއްސަ ސަރުކާރުން ކޮންމެ ގޭބިސީއަކަށް އަރުވާ ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ އެންމެހައި ތައްޔާރީތައް އެސްޓީއޯ އިން ވަނީ ފަށާފަ އެވެ. 

މި މަސައްކަތް އެސްޓީއޯ އިން ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގަ އެވެ. ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލޭގައި މި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. (މި ތާރީހު ތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ކުރިއާލާ އަންގާނެ އެވެ.)

މި އަހަރު ވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގަ އެވެ.

މަސް ކޭސް ބަހާނެ މަރުކަޒުތައް

  •  މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
  •  ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް
  •  ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިން
  •  ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
  •  އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައި. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ. ހަދިޔާ ދޫކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ ފަސް މަރުކަޒެއް ޤާއިމުކުރެވިފައި ހުންނާނެއެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ ހަކުރު އަދި ފުށް ބަސްތާއެއް ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.