ކައުންސިލް ކުންފުނިން ބުނީ މި އުޅަނދުތައް ދޫކުރާނީ ބޮޑު އަގެއް ނެގުމުގެ ބަދަލުގައި އެކަށީގެންވާ އަގެއް ނަގައިގެން ރައްޔިތުންނަށް ހިދުމަތް ދޭށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމާއި ޓޫރިޒަމް ވިޔަފާރިކުރާ އއ. ތޮއްޑޫ ކައުންސިލް ކުންފުނިން އެ ރަށަށް ގިނަ އަދަދެއްގެ ހެވީ ވެހިކަލް ގެނެސް ހިދުމަތަށް ނެރެން ތައްޔާރު ވެއްޖެ އެވެ.
ކައުންސިލް ގާނޫން ބާރު ލިބިގެން ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ލޯކަލް ކައުންސިލް ކުންފުނި (އެލްއޭސީ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނިހާން ވިދާޅުވީ އެ ރަށުގައި ކުރިއަރަމުންދާ ވިޔަފާރީގެ މާހައުލަށް ހިދުމަތްދޭން އެ ކުންފުނިން ހަތަރު ހެވީ ވެހިކަލްއެއް ވަނީ ގެނެސްފަ އެވެ. އެ ކުންފުނިން ގެނެސްފައިވަނީ ފޯކް ލިސްޓަކާއި ކެރޭނެއް އަދި އެކްސްވޭޓަރެއްގެ އިތުރުން ޑަމްޕް ޓްރަކެކެވެ.
ނިހާން ވިދާޅުވީ މި ވެހިކަލްތައް ބޭނުންކުރާނީ ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި އާއްމު ރައްޔިތުންގެ ވިޔަފާރިތައް ކުރިއަރުވަން އެހީއެއްގެ ގޮތުގަ އެވެ.
"ރަށުގަ ވަރަށް ބޮޑަށް ކޮންސްޓްރަކްޝަން ކުރިއަރައިގެން އެބަދޭ. އެކަމަކު މިހާރު ސިމެންތި އުފުލަނީ އަަތުން. ނަމަވެސް މި ކްރޭން ގެނެސް އަޅުގަނޑުމެން ދެން ގެންނަ ސިމެންތި އުފުލާ ބާސްކެޓާއެކު ބޮޑު ފަސޭހައަކަށްވާނެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި އާއްމު ރައްޔިތުންނަށް ހިދުމަތް ދޭން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި މި އުޅަނދުތަކާއެކު ކައުންސިލް ކުންފުނީގެ އާމްދަނީ 20 ޕަސެންޓް އިތުރުވެގެންދާނެ އެވެ.
"މި އުޅަނދުތަކަށް މުވައްޒަފުން ވެސް ބޭނުންވޭ. އެކަމަށް މިހާރު މަސައްކަތް ފަށައިފިން. ބޮޑަށް ވިސުން ހުރީ މެނޭޖު ކުރެވޭ އަގެއް ނަގައިގެން ލޯންގް ޓާމް އަކަށް ވިސްނައިގެން ހިދުމަތެއްގެ ގޮތުގައި މި ވެހިކަލްތައް ކުއްޔަށް ދޫކުރަން،" ނިހާން ވިދާޅުވި އެވެ.
ތޮއްޑޫ ކައުންސިލުން މި ވެހިކަލްތައް ގެނެސްފައިވަނީ ލިއޯ ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި އުޅަނދުތަކަށް އަނބުރާ ފައިސާ ދައްކަން ނިންމާފައިވަނީ މަހުން މަހަށް ބަހާލައިގެންނެވެ. އަދި މި އުޅަނދުތަކަށް އެ ކުންފުނިން އެއް އަހަރުގެ ވޮރަންޓީވެސް ދޭނެ އެވެ. އެ ރަށު ކައުންސިލް ކުންފުނިން މިހާރު ވެސް އެކްސްކަވޭޓަރެއްގެ އިތުރުން ލޮރީއަކާއި ޑަމްޕް ޓްރަކެއް ގެންގުޅެއެވެ. މި އުޅަނދުތައް ބޭނުންކުރަނީ އެރަށުގެ ކުނި މެނޭޖު ކުރުމާއި މަގުތައް މަރާމާތު ކުރުމަށެވެ.
ތޮއްޑޫގައި މިހާރު 70 ގެސްޓްހައުސްއެއް ހިންގަ އެވެ. މި ތަންތަނުގައި 1،600 އެނދު އެބަހުއްޓެވެ. އަދި މިހާރު 40 ގެސްޓްހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ރަށުގައި ގެސްޓްހައުސް ތަރައްގީ ކުރަނީ ރަށުގެ އަސްލު ސިފަ ނުގެއްލޭ ގޮތަށެވެ. އެގޮތުން އެންމެ އުސްކޮށް ނެގެނީ 60 ފޫޓަށެވެ. ގެސްޓްހައުސްގެ ފްލޯތައް ސެޓު ކުރަން ޖެހެނީ މި އުސްމިނަށެވެ. އަދި މި ރަށުގައި ފޮރިން އިންވެސްޓަރަކަށް އިންވެސްޓް ކުރެވޭނީ އެރަށު މީހަކާ ޖޮއިންޓް ވެންޗާއެއް ހަދައިގެންނެވެ. ވަކިން މާލޭގެ ފައިސާ ވެރިން ގޮސް އެ ރަށުގައި ގެސްޓްހައުސް އެޅުމުގެ ފުރުސަތެއް ކައުންސިލުން ނުދެ އެވެ.