ޝިޔާމް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މަސްވެރިން ކިޔޫގައި ނުޖެހި މަސް ކިރުވަން ފުރުސަތު ފަހި ވެގެންދާނެ އެވެ. އެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މި އަހަރުގެ މަސްވެރިކަމުގެ މޫސުމަކީ މަސް ކިރަން ކިޔޫގައި ތިބެން ޖެހޭނެ އެންމެ ފަހު އަހަރު ކަމަށާ، މި އަހަރުން ފެށިގެން މަސްވެރިންގެ ކިޔޫތައް ނައްތާލާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިން މިވަގުތު ކިޔޫގައި ތިބެން ޖެހިފައިވަނީ މިހާތަނަށް އެއްވެސް ސަރުކާރަކުން މަސްވެރިންގެ ކިޔޫ ނައްތާލަން މަސައްކަތް ނުކުރާތީ އެވެ.
"ރަނގަޅު ވާހަކައެއް ކިޔޫ ނަމްބަރު އެބަދެވޭ. ކިޔޫ ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާލާފަ މި އަންނަނީއޭ ތިމަންނަމެންގެ އެބަހުއްޓޭ 50 ޓަނު. ނަމަވެސް ބަނދަރަށް އަންނައިރު މި ހުންނަނީ 20 ޓަނު. އެހެންވީމަ ކިޔޫގެ ދެވަނާގައި އިންނަ ދޯންޏަށް އެބަ ގޮވާލެވޭ. ރަނގަޅު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކިޔޫ ނަމްބަރު ދެވިފަވޭ. އެކަމަކު އިރާދަކުރެއްވިއްޔާ މިއަދު ނޫނީ މާދަމާ އެ ކިޔޫތަކަށް މިފްކޯއިން މަސް ކިރުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަކީ 420 މެޓްރިކްޓް ޓަނު ކަމަށާ، މަސް ގަންނަން މިދިޔަ ސަރުކާރުން ގެނައި "ޖަޒީރާ ބޯޓް" ތަކަކީ ވަރަށް އެފިޝެންސީ ދަަށް ބޯޓުތަކެއްކަން ފާހަގަ ކުރައްވާފަ އެވެ.
"ގިނަ ބޯޓުތައް މި ހުރީ އޮޕަރޭޝަނުން ބޭރުގަ. ޖަޒީރާ ދޭ އަދި ތިނެއްގެ މަރާމާތު ފައްޓައިފިން. މި ބޯޓުތައް މާދަމާ އާއި އަނެއް ދުވަހު މަސައްކަތްކޮށްގެން އޮޕަރޭޝަނަށް ގެނެވޭނެ. އެހެންކަމަށްވާނަމަ މިހާރުގެ ކިޔޫއަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިވަގުތު މިފްކޯއަށް އެބަގަނެވޭ 420 ޓަނު ފުލްކޮށް. ބައެއް ދުވަސްތައް އެބަދޭ 450 ޓަނު ނަގަން ޖެހޭ ދުވަސްތައް ވެސް،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވެސް މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ބޮޑުތަނުން ރަނގަޅު ވެފައިވާ ކަމަށެވެ.
"މާތްﷲ ގެ އިރާދަފުޅުން މާބޮޑުތަނުން މަސްވެރިކަން މިހާރު ރަނގަޅު. އިރާދުކުރެއްވިއްޔާ މިއީ ކިޔޫގައި ޖެހޭނެ ފަހު އަހަރު. މިހާރު ކުރާ މަސައްކަތުން މި ކިޔޫ ނައްތާލާނަން. ނައްތާލާފަ މަސްވެރިންނަށް އުނދަގުލެއް ނެތި ކިޔޫގައި ނެތި މަސް ކިރޭނެ ހާލަތަށް މަސްވެރިކަން ގެންނާނަން،" ސިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މަސްވެރިކަން ރަނގަޅުވެފައިވާއިރު ކިރުވާ ކުދި މަހުގެ އަގަށް ގެނައި ބަދަލާއެކު މަސް ކައްކާ ހިއްކާ ވިޔަފާރިތައް ބޮޑުތަނުން ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.
"ކުރީ ސަރުކާރުގައި ދޮޅު ކިލޯ އިން ދަށުގެ ފިނި ނުކުރާ މަސް ގަތީ 7ރ. އަށް. ފިނުކުރި މަސް 9ރ. އެކަމަކު މިހާރު ގެނައި ބަދަލު ފިނި ނުކުރާ މަސް 5ރ. އަށް ފިނިކުރި މަސް މި ގަންނަނީ 7ރ. އަށް، ދެ ރުފިޔާގެ އިތުރުވުމެއް. މި ދެ ރުފިޔާގެ ފަރާތަކީ މަސް ކައްކާ ހިއްސާ ފަރާތްތަކަށް ބޮޑު ލުޔެއް. ބޮޑު ތަފާތެއް މިއީ. މިކަމުގެ ސަބަބުން އެ މީހުން އަނބުރާ އެ މަސައްކަތުގެ ތެރެއަށް އަންނަން ފަށައިފި. އަގު ފްލޯޓް ކުރުމާއި ކުދި މަހުގެ އަގަށް މި ގެނެވުނު ބަދަލުން ވީކަމެއް މިއީ. މިއީ ކުޑަ ބަދަލެއް ނޫން މީގެ ނަތީޖާ ބާޒާރުން ފެންނަން ފަށައިފި،" ޝިޔާމް ވިދާޅުވި އެވެ.