ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމަށް 50 މިލިއަން ޑޮލަރު މާރުކޮށްފި

މާރުކުރަން ހުޅުވާލުމުން 90 ޕަސެންޓް ރިސޯޓުތަކުން ވަނީ މާރުކޮށްފަ އެވެ. އެމްއެމްއޭއިން ވަނީ ޓޫރިޒަމް ސިނާއަތުން ލިބުނު ތަރުހީބު ބޮޑު ކަމަށެވެ.

ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނާނެ ގޮތެއް ހަދަން ގެނެވުނު ބަދަލާއެކު މިދިޔަ އޮކްޓޫބަރު މަހު 50 މިލިއަން ޑޮލަރު މާރުކޮށްފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން %90 ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ޓޫރިޒަމް ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރަމެވެ.

ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރަށް ލޯޑު އަންނަ ޑޮލަރު މަދުކުރަން، ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ބޭނުންތަކަށް އިތުރު ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުގެ އިސް ނެގުމަކާއެކު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މަރުކަޒީ ބޭންކުން ވަނީ މާރުކުރަން ހުށަހަޅާފައިވާ ސޭލްސް ރިޕޯޓްތަކަށް ބަލާއިއިރު 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ބޭރުފައިސާ މާރުކުރުމުގެ ގަވާއިދުގެ ސަބަބުން ބޭންކު ތަކަށް މާރުކުރެވިގެންދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ރާއްޖޭގައި 175 ރިސޯޓެއް ހިންގާއިރު މިދިޔަ މަހުގެ 28 ގެ ނިޔަލަށް ހުރިހާ ރިސޯޓްތަކުން ވަނީ މާރުކޮށްފަ އެވެ.

މާރުކުރަން ޖެހޭ ކެޓަގަރީތައް ކުރުކޮށް

  •  ކެޓަގަރީ އޭ - ކެޓަގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް މިކެޓަގަރީގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫން ހިންގާ ތަންތަނެވެ.
  •  ކެޓަގަރީ ބީ - މި ކެޓަގަރީގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތެކެވެ.
  •  ކެޓަގަރީ ސީ - ޓޫރިޒަމް ނޫން ޑޮލަރުން އާމްދަނީ ލިބޭ ތަންތަން

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވުމެވެ. ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރަށް އަންނަ ޖަނަވަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެއްވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަންނަ ޖަނަަވަރީން ފެށިގެންގޮސް 2026 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަސްޓައިނަބަލް ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންތައް ކުރިއަށްދާނަަމަަ، 1،400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" ރިޔާސީ ވައުދުފުޅު ފުއްދަވާނެ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.