ފުލުސް ބްލޫސް ހައުސިން އޮޑިޓް | ގެއްލުމާއި ކޮރަޕްޝަންގެ ކަޅުކުލަ

އޮޑިޓަ ޖެނެރަލް ވަނީ މި މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ފައިދާވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްފަ އެވެ. މިގޮތުން 500 މިލިއަން ރުފިޔާގެ މަޝްރޫއުގެ އަގު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެފައިވެ އެވެ.

ފުލުހުންގެ ފްލެޓްތައް - އެޑިޝަންގެ ފޮޓޯއެއް

ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްގެން ހިންގި "ބްލޫސް" ހައުސިން މަޝްރޫއާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް ތައްޔާރު ކުރި ހާއްސަ އޮޑިޓުގައި ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ) އަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފި އެވެ. 

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް އިއްވި "ބްލޫސް ހައުސިން" އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފުލުހުންގެ ފްލެޓުތައް ނިންމުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެތައް އަމަލެއް ވަނީ ހިންގާފަ އެވެ. އަދި މަޝްރޫއު ދިގުލައިގެން ގޮސް ނިންމަންކީއަގަށްވުރެ އެތައް ގުނައެއް ބޮޑުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓަ ޖެނެރަލްގެ އޮޑިޓުން ދައްކާ ގޮތުން އޮޑިޓް ކުރުމާ ހަމައަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ފުލުހުންގެ 360 ފްލެޓު އަޅަން ވަނީ ހަރަދުކޮށްފަ އެވެ. 

ޕޮލްކޯ ބްލޫސް ހައުސިން މަޝްރޫއު

  • މަޝްރޫއު މެނޭޖުކުރީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން
  • އިމާރާތް ކުރީ 13 ބުރީގެ ތިން ޓަވަރު
  • ހަވާލުކުރީ 19، ޖޫން 2013 ވަނަ އަހަރު އަގަކީ 580 މިލިއަން ރުފިޔާ
  • ހަވާލުކުރީ ދެ އަހަރުތެރޭގައި މަޝްރޫއު ނިންމަން
  • ހަވާލުކުރީ 300 ހައުސިން ޔުނިޓް، އެކަމަކު ފަހުން 360 އަށް އިތުރުކުރި
  • ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 162 މިލިއަން ރުފިޔާ ދިން
  • ސަރުކާރުން ސަބްސިޑަރީ ލޯނަރުން 515.4 މިލިއަން
  • ޕޮލިސް އޮފިސަރުން ޑައުންޕޭމަންޓަށް ދެއްކި ފައިސާ 26.6 މިލިއަން
  • އެޗްޑީސީ އާއި މަޝްރޫއު ހިންގި ނޫމަޑިއަށް 76 މިލިއަން ދޫކޮށްފަ
  • އައިލެންޑް އެކްސްޕާޓް އަދި ސަބްކޮމްޓްރެކްޓަރުންނަށް ދިން ފައިސާ އާއި އެ ކުންފުނީގެ ސަބްކޮންޓްރެކްޓަރުނަށް ދިން ފައިސާ
  • ލިފްޓް ހަރުކުރި ދެ ކޯމަސް ކުންފުންޏާއި ހައު ކުންފުންޏަށް ޕްލޭނިން ބަޖެޓުން 360 މިލިއަން ދޫކޮށްފަ
  • ބިލްކޮށްފައިވާ ފައިސާ ނުދީ އެމްޓީސީސީ ކޮންޓްރެކްޓްތަކަށް 480،000 ރުފިޔާ
  • ބިލްކޮށްފައިވާ ފައިސާ ނުދީ އަމީން ކޮންސްޓްރަކްޝަނަށް 18.1 މިލިއަން

ހަވާލުކުރުން ވެސް ގޯސް - މި ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރާ މަޝްރޫއެއް ނަމަވެސް މާލިއްޔަތު ގަވައިދުގައި ފާހަގަކޮށްފައިވާ ގޮތާ އެއްގޮތަށް ކަންކަން ގެންގޮސްފައި ނެތްކަން ފާހަގަކޮށްފައިވެ އެވެ. މިގޮތުން 30، ޖޫން 2013 ގައި ނޫމަޑިއަށް މި މަޝްރޫއު ހަވާލުކުރި ނަމަވެސް ކޮންޓްރެކްޓަރެއް ނަގަން އިއުލާނުކޮށްފައި ނުވުން ފާހަގަކޮށްފައިވެ އެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލްކަން ޔަގީންނުކޮށް މިފަދަ ބޮޑު މަޝްރޫއެއް ހަވާލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން ކޮންޓްރެކްޓަރުން ވަކި ކުރަން ޖެހި އެހެން ފަރާތަކާ ހަވާލު ކުރުމުން މަޝްރޫއުގެ އަގު ބޮޑު ވެގެން ދިޔަކަން ފާހަގަކޮށްފައިވެ އެވެ. 

އެއް ހަރަކުން ދެ ފަހަރަށް ކަށިޖަން ފުރުސަތު ދިނުން

ފުރަތަމަ ކޮންޓްރެކްޓަރު - ނޫމަޑި ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަސައްކަތް ލަސްވުމުން 16، ޖެނުއަރި 2016 ގައި އެއްބަސްވުން ބާތިލްކުރި އެވެ. އެ ތާރީހާ ހަމައަށް ޕޮލްކޯ އިން 96.3 މިލިއަން ރުފިޔާ ވަނީ ނޫމަޑި އަށް ދައްކާފައިވާއިރު ކުއަންޓިޓީ ސާވޭގެ އެއްބަސްވުން ބާތިލްކުރި ތާރީހުގެ ނިޔަލަށް ނިމުނު މަސައްކަތަށްވުރެ އިތުރަށް 20.1 މިލިއަން ރުފިޔާ ޕޮލްކޯއިން ވަނީ ދައްކާފަ އެވެ. ލޭޓް ޕެނަލްޓީ ފީގެ ގޮތުގައި ނޫމަޑިއަށް ލިބެން ޖެހޭ ފައިސާ މަދުވުން މިގޮތުން 11 މިލިއަން ރުފިޔާ މަދުވެފައިވެ އެވެ.

ދެވަނަ ކޮންޓްރެކްޓަރު - އައިލެންޑް އެކްސްޕަޓް މަޝްރޫއު އިތުރުކޮށް 17، މާރިޗު 2016 ގައި 14 މަސް ތެރޭގައި މަޝްރޫއު ނިންމަން 628.1 މިލިއަން ރުފިޔާއަށް އައިލެންޑް އެކްސްޕަޓް ކުންފުންޏަށް ދިނެވެ. މި މަޝްރޫއު ހަވާލުކުރިވެސް ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ވަޒަންކޮށްފައެއް ނެތެވެ. އައިލެންޑް އެކްސްޕަޓްއަކީ ނޫމަޑީގެ ސަބްކޮންޓްރެކްޓަރެވެ. މި ކުންފުނީގެ އެމްޑީ ނޫމަޑީގެ އެމްޑީ މިސްޓަ އެކްސް އެވެ. އެހެންވެ ހުރިހާ މަންފާއެއް ލިބުނީ މިސްޓަ އެކްސްއަށެވެ. އަދި 17، މާރިޗް 2016 އިން 19 މާރިޗު 2019 ގެ ނިޔަލަށް ޕޮލްކޯ އާއި އައިލެންޑް އެކްސްޕަޓްގެ އެއްބަސްވުމަށް ދެ ފަހަރެއްގެ މަތިން އެކި ބަދަލު ގެނެސް، 122 މިލިއަން ރުފިޔާ އިތުރުކޮށް ނިންމާ މުއްދަތު 54 ދުވަސް އިތުރުކޮށްފައިވެ އެވެ. ޕޮލްކޯއިން އައިލެންޑް އެކްސްޕަޓްގެ ސަބް ކޮންޓްރެކްޓަރުންނަށް 154 މިލިއަން ދައްކަން އެއްބަސްވެފައިވެ އެވެ. މި ފައިސާ ޝެޑިއުލްތަކާއި ގެނެވުނު ބަދަލުތަކަކީ ކޮންޓްރެކްޓަރަށް ފައިސާވާ ގޮތަށް ގެނެސްފައިވާ ބަދަލު ތަކެއް ކަމަށް ބެލެވެ އެވެ. 

ޕޮލްކޯ އާއި އިލެންޑް އެކްސްޕަޓް ކުންފުންޏާ ދެމެދު އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ދައްކަން އެއްބަސްވީ 58.9 މިލިއަން ރުފިޔާ އެވެ. އެކަމަކު އެކި ނަންނަމުގައި ޕޮލްކޯއިން ވަނީ އައިލެންޑް އެކްސްޕަޓް ކުންފުންޏަށް 124.1 މިލިއަން ދައްކާފައިވެ އެވެ. މީގެ އިތުރުން ސަބްކޮންޓްރެކްޓަރުންނަށް 154 މިލިއަން ރުފިޔާ ދައްކަން އެއްބަސްވިނަމަވެސް އެ ފަރާތަތަކަށް 191.1 މިލިއަން ދައްކާފައިވެ އެވެ. 


މަޝްރޫއުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގެއްލުންވާ ގޮތަށް

އައިލެންޑް އެކްސްޕާޓް ކުންފުނީގެ އެއްބަސްވުން މަސައްކަތް ލަސްވުމުގެ ސަބަބުން ބާތިލްކުރީ 13، ޖެނުއަރީ 2021 ގަ އެވެ. މި މުއްދަތާ ހަމައަށް އެ ކުންފުންޏަށް ޕޮލްކޯ އިން 633 މިލިއަން ރުފިޔާ ދީފައިވެ އެވެ. ނަމަވެސް ކުރި މަސައްކަތުގެ އަގުކޮށް ހެދި ކުއަންޓިޓީ ސާވޭ ދައްކާ ގޮތުން ނިމިފައިވާ މަސައްކަތުގެ އަގަކީ 442 މިލިއަން ރުފިޔާ އެވެ. އެހެންވެ ނުކުރާ މަސައްކަތްތަކަށް 185 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ނަމަވެސް ޓާމިނޭޝަން އެބަސްވުމުގެ ސަބަބުން ޓާމިނޭޝަން އެއްބަސްވުމުގެ ދަށުން ޕޮލްކޯއަށް 195 މިލިއަން ރުފިޔާ ދައްކަން އެއްބަސްވެފައިވެ އެވެ. ނަމަވެސް މި އަދަދު ހިސާބުކުރި ގޮތް އޮޑިޓަަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް އައިލެންޑް އެކްސްޕާޓުން ދައްކަން ޖެހޭ ފައިސާގެ ތެރޭން ތިބުނީ 1.9 މިލިއަން ރުފިޔާ އެވެ.  

އައިލެންޑް އެކްސްޕާޓް ފައިސާ ހޯދަން އިތުރު އެއްބަސްވުމެއް

މި ފައިސާ ހޯދުމަށް އައިލެންޑް އެކްސްޕާޓް ކުންފުންޏާއި ޕޮލްކޯ އަދި ތަނބުރުމާ ކުންފުންޏާއި އެންސިސްއާއެކު ސޮއިކުރި އެވެ. މި ތަނބުރުމާއަކީ އެންސިސްގެ ކޮންޓްރޯލް އޮންނަ ކުންފުންޏެކެވެ. މި އެއްބަސްވުމުން އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް ދައްކަން ޖެހޭ 129.5 މިލިއަން ރުފިޔާގެ ތެރޭން 42.2 މިލިއަން ރުފިޔާ އެންސިސްއިން ޕޮލްކޯއަށް ދައްކަން އެއްބަސްވެފައިވެ އެވެ. ފުރަތަމަ ޕޭމަންޓުގެ ގޮތުގައި އެއް ލައްކަ ޑޮލަރު 1، އޮކްޓޫބަރު 2023 ގައި ދައްކަން އެއްބަސްވެފައިވެ އެވެ. އެންސިސް އިން 2.6 މިލިއަން ޑޮލަރު ޕޮލްކޯ އަށް ޕޭމަންޓް ޝެޑިއުލްއާއެއްގޮތަށް 57 ޕޭމަންޓް އަށް ބަހާލައިގެން ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކާ ނިންމަން ޖެހެނީ 30، ސެޕްޓެމްބަރު 2028 އެވެ. ނަމަވެސް މި އެއްބަސްވުމާ އެންސިސް އިން ހިލާފުވިނަމަވެސް އައިލެންޑް އެކްސްޕާޓް އިން ޒިންމާވާން ނުޖެހޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ. މީގެ ބަދަލުގައި އެންސިސް އަށް ދައްކަން ޖެހޭނީ ޖޫރިމަނާ އެވެ. 

ސަރުކާރުގެ ދަށަށް، މިފަހަރު އަމީންއަށް

މި މަޝްރޫއު ސަރުކާރުގެ ދަަށަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. މިފަހަރު ހަވާލުކުރީ 274 މިލިއަން ރުފިޔާއަށް އަމީން އަށެވެ. ނަމަވެސް ދެ ފަހަރެއްގެ މަތިން ވޭރިއޭޝަންތަކެއް މަޝްރޫއުގެ އަގަށް ގެނެސް 64 މިލިއަން ރުފިޔާ އިތުރު ކުރި އެވެ. 

މިފަހަރު އަގު ބޮޑުވީ ކީއްވެ ؟ - އަމީން އަށް މަސައްކަތް ހަވާލު ކުރުމަށްފަހު އިތުރު 64 މިލިއަން ރުފިޔާ މަޝްރޫއުގެ އަގު ބޮޑުވި ސަބަބެއްގެ ގޮތުގައި އަމީން ކޮންސްޓްރަކްޝަނުން ބުނެފައިވަނީ މަސައްކަތާ ހަވާލުވިއިރު ބައެއް ތަކެތި މަދުވުމާއި ބައެއް މެޓީރިއަލް ހަލާކުވެފައިވުމެވެ. އެހެންވެ އޮޑިޓަ ޖެނެރަލް ވަނީ މިކަމަކީ އިތުރަށް ބަދަލައި މިކަމާ އިހުމާލުވާ މީހުންގެ ފަރާތުން ބަދަލު ހޯދަން ޖެހޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ. 

އެއްބަސްވުމުގައި ނެތް އެކަމަކު ޑިއުޓީ މައާފުކުރި

މި ފްލެޓު މަޝްރޫއު އަޅަން ބޭނުންކުރި މެޓީރިއަލްގެ ތެރޭން 14، މެއި 2024 ގެ ނިޔަލަށް 260 މިލިއަން ރުފިޔާގެ މުދަލަށް ޖެހޭ 62 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްފައިވެ އެވެ. ނަމަވެސް ޑިއުޓީ މައާފު ކުރުމުގެ އެއްބަސް މާއްދާއެއް މީގެ އެއްވެސް އެއްބަސްވުމެއްގައި ހިމަނާފައެއް ނުވެ އެވެ. މިއީ ކޮންޓްރެކްޓަރަށް ނާޖާޒިރު ފައިދާ ލިބޭނެ ގޮތަށް ކޮށްފައިވާ ކަމެއްކަން އޮޑިޓަ ޖެނެރަލް ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓްގައިވާ ގޮތުން ލިފްޓްތައް ހަރުކުރުމުގައި ވެސް ގިނަ މައްސަލަ ތަކެއް ފާހަގަކޮށްފައިވެ އެވެ. ލިފްޓަށް އިތުރު 13 މިލިއަން ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.