"އަޅުގަނޑު ތަކުރާރުކޮށް ގޮވާލަން ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެބޭފުޅުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭން ޖެހޭނެކަން،" މީކާއިލް ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅުމާލެ އިން ހައިވޭއަށް އަރާ ހިސާބުގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ފުލުހުން އަމަލުކުރި ގޮތުން އެމީހުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކޮށްފައި ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބުނެ އެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ.
މި އިހުތިޖާޖުގެ ތެރެއިން 20 ޓެކްސީއެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ. އަދި ބައެއް މީހުން އޭރު ހައްޔަރުކޮށް، ބަންދު ވެސް ކުރި އެވެ. މި އިހުތިޖާޖުގެ ތެރެއިން ފުލުހުންނާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް މީކާއިލް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު 11، 2024 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން ފާޅުކުރަމުން ދިޔަ ޝުއޫރުތަކަށް ސަރުކާރުން ބީރު ކަންފަތެއްދީ، ސުލްހަވެރިކަމާއެކު ކުރި އަމަލަކީ ކުށެއް ކަމަށް ބަލައިގެން އެމީހުންނާމެދު އަމަލުކޮށްފައިވާ ކަމަށެވެ.
މީގެ ދެ މަސް ކުރި ހުށަހެޅި އެ މައްސަލައިގައި ގޮވާލާފައި ވަނީ ހައްޔަރު ކުރި ޑްރައިވަރުން ދޫކޮށްލައި، އެމީހުންގެ މުދާ އެމީހުންނާ ހަވާލުކުރުމަށެވެ. މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން ހައްޔަރު ކުރި މީހުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.
މަޖިލީހަށް މި މައްސަލަ ވަނީ ބަލައިގެންފަ އެވެ. މައްސަލަ ބަލައިގެންފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ގާނޫނީ އަސާސީން ކަށަވަރުކޮށްދޭ އިހުތިޖާޖު ކުރުމުގެ ހައްގާއި މުޒާހަރާ ކުރުމުގެ ހައްގާއި އަދި ޝުއޫރު ފާޅުކުރުމުގެ ހައްގު، މި ސަރުކާރު އައިފަހުން ނިގުޅައިގެންފައިވާ ކަމަށެވެ. ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން، އާންމު ދިރިއުޅުމަށް ކުރާ މަސައްކަތް ދޫކޮށް އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ވިސްނޭ ކާންބޯން ކުރާ މަސައްކަތެއް ދޫކޮށް، އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނެއް ނޫން، އެހެންނަމަވެސް އެބޭފުޅުން އިޖުތިޖާޖަށް މަގުމައްޗަށް މުޒާހަރާއަށް ނުކުންނަން މަޖުބޫރު މިކުރުވީ މިސަރުކާރުން،"
އެކަން ދިމާވާން ޖެހުނު އެންމެ ބޮޑު ސަބަބީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަޖިލީހުގެ ކޮމެޓީގައި ވަކި ވާހަކައެއް އަދި ޓެކްސީ ޑްރައިވަރުން ކައިރީ އެހެން ގޮތަކަށް ވާހަކަ ދައްކާފައިވާތީކަން ވެސް މީކާއިލް ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ގޮވާލަން ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެބޭފުޅުންގެ މުދަލަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭން ޖެހޭނެކަން،" މީކާއިލް ވިދާޅުވި އެވެ.