މިދިޔަ އަހަރު ޖެޓްފިއުލް އެތެރެކުރި މިންވަރު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 222 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ނުވަތަ މަތިންދާ ބޯޓަށް އަޅާ ތެޔޮ އެތެރެކުރިއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު ވެއްޖެ އެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 222.1 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ވަނީ އެތެރެކޮށްފަ އެވެ. މި އަދަދު ކުރީ އަހަރު އުޅެނީ 196.2 ގަ އެވެ.
މިއީ މިދިޔަ ތިން އަހަރަށް ބެލިނަމަވެސް ރާއްޖެ އަށް ޖެޓްފިއުލް އެތެރެކުރި މިންވަރު އިތުރުވުމެކެވެ. ރާއްޖެ އަށް 2022 ވަނަ އަހަރު 193.2 މިލިއަން ޑޮލަރު ވަނީ ޖެޓްފިއުލް ފިއުލް އެތެރެކޮށްފައިވެ އެވެ. އަދި 2023 ވަނަ އަހަރު 196.2 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް އެތެރެކޮށްފައިވެ އެވެ. ޖެޓްފިއުލް އެތެރެކުރި މިންވަރު މިދިޔަ 2024 ވަނަ އަހަރު ވަނީ 222.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރަށް ބަލާއިރު އެންމެ ގިނައިން ޖެޓްފިއުލް އެތެރެކޮށްފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު 26 މިލިއަން ޑޮލަރު ޖެޓްފިއުލް އެތެރެ ކުރަން ވަނީ ހަރަދުކޮށްފަ އެވެ. ޖެނުއަރީ މަހަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަހެވެ. އެހެންވެ ގިނަ އަދަދެއްގެ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ޖެޓު ވެސް މި ދުވަސްވަރު ރާއްޖެއަށް އާދެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 3.6 ބިލިއަން ޑޮލަރުގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ނަމަވެސް އޭގެކުރީ އަހަރު މި އަދަދުހުރީ 3.4 ބިލިއަން ޑޮލަރުގަ އެވެ.