ޗައިނާގެ ގުއަންޑޮންގްގެ ރެސްޓޯރެންޓުން އޯޑަރު ދިން ބޯވަ ތަށީގެ ތެރޭގައި ވިހަ ބޯވައެއް އޮތްކަން އެނގުނީ އެ ކާން ފަށަން ތައްޔާރު ވަނިކޮށެވެ.
ޗައިނާގެ ގުއަންޑޮންގްގެ ރެސްޓޯރެންޓަށް ދިޔަ އެ ގައުމުގެ މީހަކު ސީފުޑް ތައްޓަކަށް އޯޑަރު ޖެހި އެވެ. މާގިނަ އިރަކު އޭނާ މަޑުކުރާކަން ނުޖެހުނެވެ. މޭޒުމަތީ ގެނެސް އެ ބެހެއްޓީ އައިސް އަޅާފައިވާ ފިނިކުރި ބޯވަ ތައްޓެކެވެ. ރޮލާހުރި މި ބޯވައާއެކު ކާން ހޫނު ސޫޕު ތައްޓެއް ވެސް ގެނެސްފައި ހުއްޓެވެ. އެ މީހާ ބޯވަކާން ހިތަށް އަރުވައި އަތުގައި އޮތް ޗޮޕް ސްޓިކް- ދަނޑިކޮޅުން އޭފެ އެއް ފައިގައި ހިފާ ހިއްލައިފި އެވެ.
އެ ބޯވަ ފެނުމާއެކު އޭނާ އަށް ޝައްކުވި އެވެ. މިއީ އާދަޔާ ހިލާފު ބޯވަ އެކެވެ. އެ ޝައްކު ޔަގީނަށް ބަދަލުވީ އޭތި އޮތް ކުލަ ރަނގަޅު ފެނުމުންނެވެ. މިއީ ވިހަ ގަދަ ބޯވަ އެކެވެ.
ޗައިނާގެ ސޯޝަލް މީޑިއާގައި އެނބުރެމުން ދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ކަޅު ލައްތަކެއް ޖަހާގައި ހުންނަ ބޯވައިގެ މި ވައްތަރަކީ މަދުން ފެންނަ އެއްޗެކެވެ. މިއީ ވިހަ ގަދަ ބޯވަ އެކެވެ. މީގެ ބޯވައެއްގެ އަސަރު އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ ވަގުތުން ވިހަވާނެ އެވެ. މިއީ ޒަހަރު ފަދަ ވިހަ ދަގަ އެއްޗެކެވެ. މީގެ ބޯވައެއްގެ މަސް ކެވިއްޖެނަމަ ފުރާނައަށް ނުރައްކާވުން ގާތެވެ.
ޗައިނާގެ ސޯޝަލް މީޑިއާގައި ހަ މިލިއަނަށް ވުރެ މީހުން ބަލާފައިވާ ވިހަ ބޯވައިގެ ފޮޓޯއާއެކު ބޯވައަށް އޯޑަރު ދިންމީހާ ލިޔެފައިވާ ގޮތުގައި ވިހަ ބޯވަ އޭނާ އަށް ނުކެވުނީ ކިރިޔާ އެވެ. ސަލާމަތްވީ ފަޅި ސިކުންތެއްގެ ތަފާތުންނެވެ.