ރައީސް ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިއަދު އޮތް ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށް ޕީއެންސީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައި-އިލެކްޝަންތަކުން ލިބުނު ކާމިޔާބީ ފާހަގަކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
މިއަދު ނުވަ ދާއިރާއެއްގައި ބައި އިލެކްޝަން އޮތެވެ. އެއީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރު ހޮވުމާއި ހދ. މަކުނުދޫ ކައުންސިލަށް މެންބަރަކު ހޮވުމާއި ރ. އިންނަމާދޫ އާއި ދ. ހުޅުދެއްޔާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުންޏާއި ހދ. ހިރިމަރަދޫ އާއި ނ. މިލަދޫ އަދި ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމެވެ.
އޭގެ ތެރެއިން ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު އިންތިހާބު ކުރުން އޮތެވެ.
އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން މިއަދު ބައި-އިލެކްޝަންތައް ބޭއްވުމަށް ތާވަލު ކުރި ގިނަ ދާއިރާތަކުގައި އިންތިހާބެއް ނުބާއްވަ އެވެ. ވޯޓެއް ނެތި 24 ގޮނޑި ޕީއެންސީއަށް ލިބުނެވެ. އެހެން ކަމުން 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ލިބުނީ ސަރުކާރު ހިންގާ ޕީއެންސީ އަށެވެ.
އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. ރައީސް ވަނީ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.