"އެހެންވީމަ އަޅުގަނޑުމެންގެ އެންމެ ދަށް ކީސްޓޭޖްތަކުން، ފައުންޑޭޝަން ލެވެލްއިން، އެންމެ މުހިންމު މަރުހަލާގަ ނަތީޖާތައް ހާސިލް ނުކުރެވޭކަމަށްވަނީނަމަ އޭގެ ރިއަލް އިމްޕެކްޓް، އޭގެ ހަގީގީ އަސަރު ކުރާނީ މަތީ ގްރޭޑްތަކަށް،"
ރާއްޖޭގެ ޕްރައިމަރީ އެޑިއުކޭޝަން އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި ވަކިވަކި މާއްދާތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން ރިޔާސީ ބަޔާން 2025 ފޯރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންގެ ތެރެއިން ހިސާބު އަދި ދިވެހި މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް 50 ޕަސެންޓަށްވުރެ ވެސް ދަށް ކަމަށެވެ.
"ހިސާބު މާއްދާއަށް ބަލާލާއިރު 2015 ވަނަ އަހަރު މުޅި ގްރޭޑްގެ ދަރިވަރުންގެ ފާސްވާ އިންސައްތަ މިހުރީ 58 [ޕަސެންޓްގަ]. އެހެންނަމަވެސް 2023 ވަނަ އަހަރު ނިމުނިއިރު ފާސްވާ އިންސައްތަ 46 އިންސައްސައަށް ދަށްވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަދައިން މިނިސްޓަރު ވެސް ވިދާޅުވީ ހިސާބަކީ ދަރިވަރުންގެ ކްރިޓިކަލް ތިންކިންއާއި މައްސަލަތައް ހައްލުކުރުން އަދި ކަންކަމާމެދު ވޮސްނުމަށް ވަރަށް ބޮޑަށް ތަމްރީނު ކުރާ މާއްދާއެއް ކަމަށް މި މާއްދާއިން މަދު ކުދިން ފާސްވާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޕްރައިމަރީ ގްރޭޑްތަކުގައި ދިވެހި މާއްދާއިން ފާސްވާ ނިސްބަތް ހުރީ 40 ޕަސެންޓްގަ އެވެ. އިނގިރޭސި މާއްދާއިން ފާސްވާ ނިސްބަތް ހުރީ 54 ޕަސެންޓްގައި ހިފެހެއްޓިފަ އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ އެންމެ ދަށް ކީސްޓޭޖްތަކުން، ފައުންޑޭޝަން ލެވެލްއިން، އެންމެ މުހިންމު މަރުހަލާގަ ނަތީޖާތައް ހާސިލް ނުކުރެވޭކަމަށްވަނީނަމަ އޭގެ ރިއަލް އިމްޕެކްޓް، އޭގެ ހަގީގީ އަސަރު ކުރާނީ މަތީ ގްރޭޑްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ތުއްތުއިރުން ފެށިގެން ދަރިވަރުން ހާސިލްކުރާ ތައުލީމު ހަރުދަނާކޮށް، ކާމިޔާބު ޖީލެއް ބިނާކުރުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ރައީސްގެ މުޅި ތަސައްވުރަކީ އެންމެ ކުޑައިރުން ފެށިގެން، އެންމެ ތުއްތުއިރުން ފައްޓައިގެން ދެވޭ ތައުލީމު ހަރުދަނާކޮށް، އަޅުގަނޑުމެންގެ މި ޒުވާން ޖީލު، މުސްތަގުބަލުގެ ޖީލު ވީހާސްވެސް ކާމިޔާބު ބަޔަކަށް ހަދާ، ގައުމާގެން ކުރިއަށް ދެވޭނެފަދަ ޖީލެއް ދިވެހިރާއްޖޭގަ ބިނާކުރުން އެއީ ރައީސްގެ ތަސައްވުރަކީ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައި ވަނީ ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ރަގަޅު ކުރުމަށް ފަންނީ ލެވެލްގައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މީގެ ތެރޭގައި ދަރިވަރުން ބޭނުންކުރާ ކޮންޓެންޓު ރިވައިސްކުރުމާއި މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ހާއްސަ މަސައްކަތްތައް މިއަހަރުގެ ޖަނަވަރީ މަހުގައި ވަނީ ފެށިފައި. މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން. މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމާއި މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ އަޅުގަނޑުގެ ވައުދެއް،" ރައީސް ވިދާޅުވެފައިވެ އެވެ.