ހުޅުމާލޭގައި އަޅާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފަށަނީ

ރައީސް ވިދާޅުވީ އޮގަސްޓް މަހުގެ ކުރިން ހުޅުމާލޭގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގަން ފެށުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައިލެވޭނެ ކަމަށެވެ.

ސިވިލް ކޯޓް ރިސެޕްޝަން: ސުޕީރިއާ ކޯޓް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި މިއަހަރު ސުޕީރިއާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުން ކަމަށެވެ.

މިކަން ހައްލުކުރުމަށް، އެކަށީގެންވާ އަވަސް މިނެއްގައި އަޑުއެހުންތައް ތާވަލްކޮށް، މައްސަލަތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހައްލުކުރެވޭނީ ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ. އެކަމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިގޮތުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޮގަސްޓް މަހުގެ ކުރިން ހުޅުމާލޭގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގަން ފެށުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައިލެވޭނެ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދިއޭގެ އިތުރު ނަތީޖާއެއްގެ ގޮތުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ވެސް ރަނގަޅު އިސްލާހުތައް ގެންނަވާނެ ކަމަށެވެ. އަދި، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް، ގާނޫނީ ނިޒާމުގެ ތެރެއިން ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ކުރީ ސަރުކާރުން ވެސް ފެށި އެވެ. ނަމަވެސް އެ މަސައްކަތް އޮތީ މިއަދާ ހަމައަށް ވެސް މަޑުޖެހިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.