ފަޒުލް ދިރިއުޅޭ މ. ޒޭވަރު ބަލައިފާސްކޮށް، ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ސާމާނުވެސް ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައިފާސްކުރުމަށްފަހު ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އޭނާއާ ހަވާލުކޮށްފި އެވެ.
ފަޒުލް ދިރިއުޅޭ މ. ޒޭވަރު ބަލައިފާސްކޮށް، ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ސާމާނުވެސް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ފުލުހުން ބަލައިފާސްކޮށްފައި ވަނީ އަމިއްލަ ބޭބެއަށް އުސޫލާ ހިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލޭން ބިމެއް ދިން މައްސަލައާއި އަދިވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގަ އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އަނބުރާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެޗްޑީސީ ގޯތި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ އެޕާޓްމެންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ އާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާއި ވަނީ ހަވާލުކޮށްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފުލުހުން ގެންދިޔަކަން ހާމަވުމާއެކު "ރިލެކްސް ފެރީ ސާވިސް" އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޑިސެމްބަރު 2023 ގައި ލޯންޗެއް ބަނުމަށް ނަގުދު ފައިސާއިން ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
ފަޒުލްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.