"ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެ ގައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް،"
ސްރީލަންކާއާއެކު އޮތް ޒަމާންވީ ގާތް ގުޅުމަކީ އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެ ގައުމު ގަބޫލުކުރާ ހަމަތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ފާހަގަކުރެއްވީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއަށް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީގަ އެވެ.
ދެބޭފުޅުންނަށް ވަކިން ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ގައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ ސިޓީފުޅުތަކުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެ ގައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ގައުމުތަކެއްގެ ހައިސިއްޔަތުން އެއް ގައުމު އަނެއް ގައުމަށް ދިމާވާ ގޮންޖެހުންތަކާއި، ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
"ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެ ގައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް،" ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވަނީ، ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިގްތިސޯދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ހޯދުމަށާއި، ސަރަހައްދީ ހަމަޖެހުމަށާއި ސުލްހައާއި ލާބައަށް ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް މެސެޖެއް ހިއްސާކުރައްވާފަ އެވެ.